17 Jul 2024, 14:07
މާލޭގެ އެކި ސަރަޙައްދުތަކުގައި އާންމު އިޖްތިމާއީ މިންގަނޑުތަކާ ޚިލާފުވާގޮތަށް ހުރި ގްރެފިޓީތައް ފޮހުމަށް މާލޭ ސިޓީ ކައުންސިލާއި ދިވެހި ފުލުހުންގެ ޙިދުމަތް ގުޅިގެން ކެމްޕެއިނެއް ފަށައިފިއެވެ.
ފުލުހުން ބުނީ މިއީ ކުށުން އެއްކިބާވެފައިވާ، ރައްކާތެރި މުޖުތަމައެއް ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
ފުލުހުންގެ ގޭންގު ކުށް ހުއްޓުވުމަށް ޚާއްސަ ޔުނިޓުން އިސްނަގައިގެން ކުރިއަށްގެންދާ މި ކެމްޕޭނުގެ މަޤްޞަދަކީ އާންމުންނަށް، ޚާއްޞަކޮށް ކުޑަކުދިންނަށް ފެންނަން އެކަށީގެންނުވާ ލިޔުންތަކާއި ކުރެހުންތައް އާންމު ތަންތަނުން ފޮހުން ކަމުގައި ފުލުހުން ބުންޏެވެ. މި ކެމްޕޭން ކުރިއަށްދާނީ މާލޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށްގެން ބައިބަޔަށް ބަހާލައިގެންނެވެ.
މި މަސައްކަތުގެ މަޤްޞަދަކީ މާލޭގެ ރީތިކަން އިތުރުކުރުމާއި އާންމު ތަންތަން ހުރިހާ ފަރާތްތަކަށް ހާއްސަކޮށް ޒުވާނުންނަށް މަރުޙަބާކިޔާ އަދި ރައްކާތެރި ތަންތަނަށް ހެދުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.