ކެބިނެޓުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްގެން ސުވާލުކުރުމުގެ ފުރުސަތު ހަނިވާ ގޮތަށް މަޖިލީހުގެ ގަވައިދަށް ބަދަލުގެންނަން، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެެންސީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ގޮވާލައްވައިފިއެވެ.

ފަލާހު މިފަދައިން ވިދާޅުވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަތުމުން މެންބަރުން ސުވާލުކުރެއްވި ވަގުތުގައެވެ.

މިނިސްޓަރު ރާފިއުއާ ސުވާލު ކުރުމުގެ ފުރުސަތުގައި ފަލާހު ވަނީ "އެމްޑީޕީއަށް ނަސޭހަތެއް" ދޭން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ކުޅިވާރާ ބެހޭ ވަޒީރު ކޮންމެ ދުވަހަކު "ކަމެއް ނެތް ކުދިކުދި ކަންކަމުގައި" މަޖިލީހަށް ހާޒިރުކުރުން ހުއްޓާލަން ވަނީ އެމްޑީޕީގެ މެންބަރުންނަށް ގޮވާލައްވާފައެވެ. އަދި ބަނގުރޫޓުކޮށްލާފައި އޮތް ޕްރޮޖެކްޓްތަކަށް ސުވާލު ކުރުމަށް ވަޒީރު ހާޒިރުކުރަނީ ކީއްކުރަންތޯ ވެސް ފަލާހު ސުވާލުކުރެއްވިއެވެ.

އަދި ވަޒީރުން މަޖިލީހަށް ހާޒިރުކުރުން މަދުކުރަން ގަވާއިދަށް އިސްލާހެއް ގެނައުމަށް ފަލާހު ވަނީ ހުށަހަޅުއްވާފައެވެ.

ދެން އޮތީ ރައީސަށް އަަޅުގަނޑު ޚިޔާލެއް ދަންނަވައިލުން، ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް، ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ދާއިރާއާ ބެހޭ ގޮތުން ސުވާލެއް ފޮނުވައިގެން، ތިން ދުވަސް ތެރޭ ޖަވާބު ނުދީފިއްޔާ ނޫނީ މަޖިލީހަށް ހާޒިރުކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ މި މަޖިލީހުގެ ގަވައިދު އިސްލާހުކުރާ އިރުގައި ރަނގަޅު ކަމެއް ކަންނޭނގެ އަޅުގަނޑަށް ހީވަނީ ބަލައިލަން،އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު

ފަލާހުގެ އެ ވާހަކައަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެއްވެސް ޖަވާބެއް ނުދެއްވައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު ބާތިލު ނުކުރުމަށް އެދި ހުށަހަޅައިފައިވާ ޕެޓިޝަނާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވަޑައިނުގަތުމުން، ބައެއް މެންބަރުން ވަނީ ނުރުހުން ވެސް ފާޅުކޮށްފައެވެ.

އެއީ މަޖިލީހަށް އިހުތިރާމު ކުޑަ ކުރުމުގެ އަމަލެއްގެ ގޮތުގައި ބައެއް މެންބަރުން ސިފަކުރެއްވިއެވެ. މިނިސްޓަރަށް ވަޑައިނުގަނެވުނީ ކެބިނެޓް ބައްދަލުވުން ނުމިނޭތީކަން އިއްޔެ އަންގާފައި ވަނީ ކޮމިޓީއަށް މެންބަރުން ހާޒިރުވުމުންނެވެ.

މީގެ ކުރިން 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޭރު ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ ސަރުކާރުގެ ވަޒީރުންނާ ސުވާލުކުރުމުގެ ރައްޔިތުންގެ މަޖިލީހަށް ބިލެއް ވެސް ހުށަހަޅުއްވާފައެވެ. އޭނާ އޭރު ވިދާޅުވީ، މިހާރު ގާނޫނު އޮތް ގޮތުން ވަޒީރުންނާ ސުވާލުކުރުމުގެ ހައްގު ހަނިވާ ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2005 ވަނަ އަހަރު އެކުލަވައިލާފައިވާ ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނަށް އޭގެ ފަހުން އެއްވެސް އިސްލާހެއް ވެސް ގެނެސްފައެއް ނުވެއެވެ.