20 Jun 2012, 15:30
ސުޕްރީމް ކޯޓުގެ ތަޅުއެޅުވި ހިސާބުން ފެށިގެން ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުކުމް އިއްވެން ޖެހޭނެ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބުދުﷲ އަބުދުއްރަހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފަށްކޮށްފައިވާ ކަންކަން ގާނޫނު އަސާސީގެ 99 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލިހަށް ލިބިދޭ ބާރުގެ ދަށުން ބަލައި ތަހުގީގުކޮށް ދިނުމަށް އެދި މަޖިލިހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ހުށައަޅުއްވާފައިވާ ގަރާރާ ގުޅޭ ގޮތުން ބަހުސް ކުރައްވަމުން އަބްދުﷲ އަބުދުއްރަހީމް ވިދާޅުވީ ގާނޫނާ ހިލާފަށް އެއްވެސް މީހަކު ކަމެއްކޮށްފައިވާ ނަމަ ފިޔަވަޅު އެޅެން ޖެހޭނެ ކަމަށާއި ސުޕުރީމް ކޯޓުގައި ނަޝީދުގެ އަމުރަށް ތަޅު އެޅުވި ހިސާބުން ފެށިގެން އެމަނިކުފާނުގެ މައްޗަށް ވެސް ހުކުމް ކުރެވެން ޖެހޭނެ ކަމަށެވެ.
"ރައީސުލްޖުމުހުރިއްޔާ ކަމުގެ މަގާމާ ހަވާލުވެ ހުންނެވި ބޭފުޅެއް ކޮށްފައިވާ ޣައިރު ގާނޫނީ އަމުރުތަކަކީ ކޮބައިތޯ ބަލާއިރު އަޅުގަނޑުމެން މިދައްކަނީ ސުޕްރީމްކޯޓުގައި ތަޅުއެޅުވި މައްސަލަ. ދާދިއިހަކަށް ދުވަހަކު ގއ. ކޮނޑޭ ކައުންސިލް މެންބަރަކު ކޯޓަށް ތިންފަހަރު އަންގައިގެން ހާޒިރުނުވީއޭ ކިޔާފައި އޭނާގެ މައްޗަށް ހަތަރު މަހުގެ ހުކުމެއް އިއްވައި އޭނާގެ ގޮނޑި ގެއްލުވާލާފައި އެއޮތީ. އެހެންވީމާ މިދަންނަވަނީ ކޮބާއިތޯއޭ ގާނޫނާއި ގާނޫނު އަސާސީގައި ހުރިހައި އެންމެންގެ ހަމަހަމަކަން. ސުޕްރީމް ކޯޓުގައި ތަޅުއެޅުވި ހިސާބުން ފެށިގެން މުހައްމަދު ނަޝީދުގެ މައްޗަށް ހުކުމް އިއްވެންވާނެ،" އަބުދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ މައްސަލަތަކަކީ މަޖިލިހަށް ވައްދައިގެން ބަހުސް ކުރުމުގެ ބަދަލުގައި ވަގުތުން ފިޔަވަޅު އެޅެން ޖެހޭ ފަދަ މައްސަލަތައް ކަމަށާއި މީހަކު ކޯޓަށް ހާޒިރުނުވުމުގެ ސަބަބުން އޭނާގެ މައްޗަށް ހުކުމް ކުރިއިރު ސުޕްރީމް ކޯޓުގައި ތަޅުއެޅުވި މައްސަލާގައި ހުކުމް ނުކުރައް ވާތީ އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ބިލުގެ ނުވަވަނަ މާއްދާ އުވާލަން ކުރިން ވެސް ވަކާލާތު ކުރެއްވީ ރައީސްކަން ކުރައްވާފައިވާ ބޭފުޅެއް ނަމަވެސް އަދި އެހެންމީހެއް ނަމަވެސް ކުށެއްކޮށްފި ނަމަ އެކަމަކަށް ހައްގުވާ އަދަބުތައް ދޭން ޖެހޭނެ ކަމަށް ދެކިގެން ކަމަށެވެ. ނަމަވެސް އެ ދުވަހު ޑީއާރުޕީގެ މެންބަރުން މިހާރު ޕީޕީއެމްގެ މަޖިލިސް މެންބަރުން ކިތައްމެ ވަރަކަށް އެކަން ކުރަން އުޅު ނަމަވެސް އެ މާއްދަ އުވާލަން ވަކަލާތުކުރެއްވީ ކޮންމެ މީހަކު ކުށެއް ކުރި ނަމަވެސް އެމީހަކަށް ގަނޫނީ ގޮތުން ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް ގަބޫލް ކުރެވޭތީ ކަމަށެވެ.
އެ ގަރާރަށް ބަހުސް ކުރައްވަމުން މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދު ވިދާޅުވީ ރައީސްޖުމުހުރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނާއި މަޖިލިސް މެންބަރުންނާއި ކައުންސިލްތަކުގެ މެންބަރުންނަކީ އިއްޒަތާއި ގަދަރު ލިބިގެންވާ ބައެއް ކަމަށާއި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ކޮންމެ މީހަކީ ހަމަހަމަކަން ލިބިފައިވާ ބައެއް ކަމަށް ކަނޑައެޅިގެން ބުނެފައި ވާތީ އެމީހަކު ކުށެއް ކޮށްފި ނަމަ ރައްޔިތުންނަށް ހަރާމް ކޯރުވާ ކޮންމެ މިހަކަށް ޝަރުއީ ގޮތުން ލިބެން ޖެހޭ އަދަބެއް ލިބެން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން ބަލަން ވިސްނަން ޖެހޭނެ އެއްޗަކީ ހަމަހަމަކަމާ އެކު ރައްޔިތުންނާ ދޭތެރޭގައި އަދުލު ގާއިމުކުރެވުން. ދެންމެ މިތަނުން ބޭފުޅަކު ވިދާޅުވެއްޖެ ކައުންސިލަރަކު ކޯޓަށް ހާޒިރުނުވެގެން ހަތަރު މަސްދުވަހަށް ޖަލަށްލީ ވާހަކަ. މިފަދަ ކަންތައްތަކަކީ ނަސްލީ އިމްތިޔާޒު ތައާރަފުކުރެވުމުގެ ގޮތުން ކުރާކަންތައްތައް. މީހުންނަށް ހަމަ ހަމަ ކަމާއިއެކު ކަންތައް ނުކުރެވޭކަން. މީހުންނާއި ދޭތެރޭގައި ބޭއިންސާފުން ކަންކަން ކުރެވޭ މަންޒަރު ފެންނަނީ،" ސިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ ކަންކަން ހުއްޓުވުމަށް ޓަކައި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މަސައްކަތްކުރާ މީހުންނާއި ސިޔާސީ ކަންކަމުގައި އިސްވެ ތިބި މަޖިލިހުގެ މެންބަރުން އިހުލާސްތެރިކަމާ އެކު މަސައްކަތްކުރާ ބައެއް ކަމަށް ވާން ޖެހޭ ކަމަށެވެ.
މިއަދުގެ މަޖިލިހުގެ ވޯޓަށް އެހުމުގެ ވަގުތުގައި ފަނޑިޔާރުންގެ ގާނޫނަށް އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފުރާޝީމް އަލީ ހުށައެޅުއްވި އިސްލާހުގެ ބިލް މަޖިލިހުން ބަލައިގަތުމަށް ފާސްކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ. ޢޭގެ އިތުރަށް ނުކުޅެދުން ތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާކޮށް ދިނުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށައެޅުއްވި އިސްލާހު މަޖިލިހުން ބަލައިގެން އިޖުތިމާއި ކޮމިޓީތިއަށް ވަނީ ފޮނުވަފަ އެވެ.
މިއަދުގެ ވޯޓުގެ މަރުހަލާގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާމަނިކު ހުށައެޅުއްވި ގަރާރާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށައެޅި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މައްސޫލިއްޔަތުތަކާއި ވާޖިބުތަކަށް އެކޮމިޝަނުން އަދާކުރުމަށް ވަކިފަރާތަކުން ހުރަސްއަޅަމުން ގެންދާކަމަށް ގަބޫލު ކުރެވޭތީ ހުށައެޅި ގަރާރު މަޖިލިހަށް ބަލައިގެންނަން ނުފެންނަކަމަށް ވަނީ ފާސްކޮށްފަ އެވެ.