ބަތަލާ ޖާންވީ ކަޕޫރު ޒުވާން އެމްބެސެޑަރެއްގެ ރޯލް ކުޅެފައިވާ ފިލްމު "އުލަޖް"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

އިންޑިއާގެ ފޮރިން ސާވިސްގެ އޮފިސަރެއްގެ ރޯލުން ޖާންވީ ފެންނަ މި ފިލްމަކީ ސިޔާސީ ރޭވުންތަކެއް ފެންނާނެ ޕޮލިޓިކަލް ތުރިލާއެކެވެ. ކުރިއަށް އޮތް އޮގަސްޓް މަހުގެ ދެވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތާވަލު ކުރެވިފައި އޮތް މި ފިލްމުގައި ޖާންވީއަކީ އިންޑިއާއިން އިނގިރޭސިވިލާތަށް ކަނޑައަޅާ ޒުވާން އެމްބެސެޑަރެކެވެ.

ފިލްމުގައި ގެނެސްދޭ ވާހަކައިގައި ކިޔައިދޭ ގޮތުން ޖާންވީ ވެގެންދަނީ އިންޑިއާގެ އެންމެ ޒުވާން އެމްބެސެޑަރަށެވެ. އެންމެ ފަހުން ސީޔާސީ ރޭވުންގަނޑެއްގެ ޝިކާރައަކަށްވެ، އެ ކަމުން ސަލާމަތްވުމަށް ބަތަލާ ކުރާ ފިނި ހަނގުރާމަ ފިލްމުގައި ފެންނާނެއެވެ.

މި ފިލްމުގެ ޓްރެއިލާ ބެލުމަށް ފަހު ވަރަށް ގިނަ ބަޔަކު ވަނީ ޖާންވީއަށް ތައުރީފުގެ ބަސްތައް ދޫކޮށްފައެވެ. ޖާންވީ ކުޅޭ ކޮންމެ ފިލްމަކުން ވެސް ކުޅޭ ރޯލަށް ފުރިހަމައަށް އިންސާފުކުރާ ކަމަށާއި ސްޓާ ކިޑްއަކަށް ވުރެ ބޮޑަށް ލިބިފައިވާ ހުނަރު ތަރައްޤީ ކުރުމަށް ޖާންވީ ކުރާ ބުރަ މަސައްކަތް ފެންނަ ކަމަށް އެއް ބަޔަކު ވަނީ ބުނެފައެވެ. ބަތަލާ ސްރީ ދޭވީގެ ހަނދާންތައް ޖާންވީގެ މި ފިލްމުގެ ޓްރެއިލާއިން ހަނދާންކޮށްދީފި ކަމަށް ވެސް އެއް ބަޔަކު ވަނީ ބުނެފައެވެ.

ޤައުމީ އެވޯޑު ހޯދާފައިވާ ސުދާންޝޫ ސާރިއާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުން ޖާންވީގެ އިތުރުން ގުލްޝަން ދެވިއާ، ރޯޝަން މެތިއު، ސަޗިން ކެޑެކްރް އަދި އާދިލް ހުސައިން މުހިއްމު ރޯލަކުން ފެންނާނެއެވެ.