20 Jun 2012, 13:48
މުޅި ދައުލަތުގެ ހަ މަސް ދުވަހުގެ ހަރަދަށް 5.8 ބިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކުރި ދައުލަތުގެ ހަރަދުގެ ހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީން ހަފްތާ އަކު އެއްފަހަރު އާންމުކުރާ ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ ހަފްތާގެ ނިޔަލަށް ދައުލަތުން 5.8 ބިލިއަން ރުފިޔާ ހަރަދުކުރި އިރު ރިކަރަންޓް ހަރަދުތަކަށް ހަތަރު ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުތަކަށް 618 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ދައުލަތަށް މިހާތަނަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 4.1 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން ދައުލަތުގެ ޑެފިސިޓް ވަނީ 1.8 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.
ދައުލަތުގެ އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ މުވައްޒަފުންގެ މުސާރަ އަށެވެ. އެގޮތުން މުވައްޒަފުންގެ ހަރަދަށް އެކަނި ވެސް 1.8 ބިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ދައްކަ އެވެ. ސަރުކާރު މަސްއޫލުވާ އޮފީސްތަކުގެ ތެރެއިން އެންމެ ބޮޑު ހަރަދެއްކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީންނެވެ. އެ މިނިސްޓްރީގެ ހާއްސަ ބަޖެޓުން އެކަނިވެސް މިއަހަރުގެ މިހާތަނަށް ދެ ބިލިއަނެއްހާ ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި ދަރަނި އަދާކުރުމަށް ދައުލަތުން ވަނީ 1.2 ބިލިއަން ރުފިޔާ ވެސް ހަރަދުކޮށްފަ އެވެ.
ސަރުކާރުން މި އަހަރަށް ކަނޑައެޅި 14 ބިލިއަން ރުފިޔާގެ ބަޖެޓް 18 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ.
ދައުލަތުގެ ހަރަދުތައް ދުވަހުން ދުވަހަށް ބޮޑުވެ ދައުލަތުގެ ޑެފިސިޓް ބޮޑުވާ މައްސަލައިގައި އައިއެމްއެފުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެހެން ކަމުން ދައުލަތުގެ ޑެފިސިޓް ބަޖެޓް 27 ޕަސެންޓަށް އުފުލޭނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.
އެހެން ކަމުން ސަރުކާރުން މިހާރު ނިންމާފައި ވަނީ ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ބަޖެޓުން ވެސް 15 ޕަސެންޓް ކުޑަކުރާށެވެ. އަދި ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން ޖީއެސްޓީ ކުޑަކޮށް އިމްޕޯޓް ޑިއުޓީ އިއާދަކުރުމަށް ވެސް މިހާރު ވަނީ ނިންމައިފަ އެވެ.