ބާރުގަދަ އޭއައި ފީޗާތަކާއެކު ވަން ޕްލަސްގެ އާ ފޯނުތައް ތަޢާރަފްކުރަން ތައްޔާރު ވެއްޖެއެވެ.

އިޓަލީގެ މިލާނުގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ސަމަރ ލޯންޗް އިވެންޓުގައި ވަން ޕްލަސް ނޯޑް-4 އަދި ވަން ޕްލަސް ޕެޑް-2 ނެރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދެ ޑިވައިސްގައި ވެސް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިން ހަރުދަނާކޮށްފައިވާ ޔޫޓިލިޓީ އަދި ކެމެރާއާ ގުޅުންހުރި ފީޗާތައް ހިމެނޭނެކަން ކުންފުނިން ވަނީ ކަށަވަރުކޮށްދީފައެވެ. މީގެ ތެރޭގައި އޭއައި ސްޕީކް، އޭއައި އިރޭޒަ، އޭއައި ކްލިއަ ފޭސް އަދި އިތުރު ފީޗާތައް ހިމެނެއެވެ.

ވަން ޕްލަސް ނޯޑް-4 ގައި އޭއައި އިރޭޒާ 2.0، އޭއައި ސްމާޓް ކަޓްއައުޓް 2.0، އޭއައި ކްލިއަ ފޭސް، އޭއައި ސްޕީކް، އޭއައި ސަމަރީ، އޭއައި ރައިޓަ، ރެކޯޑިންގ ސަމަރީ އަދި އޭއައި ލިންކް ބޫސްޓް ހިމެނޭނެއެވެ.

މި ފީޗާތަކުގެ ތެރެއިން ގިނަ ފީޗާތައް ފޯނު ނެރޭއިރު ލިބެން ހުންނާނެ ނަމަ ވެސް، އޭއައި ބެސްޓް ފޭސް ފީޗަ ފަހުން އޯޓީއޭ އަޕްޑޭޓެއްގެ ޒަރީއާއިން ލިބޭނެކަމަށް ކުންފުނިން ބުނެފައިވެއެވެ.

ވަން ޕްލަސް ޕެޑް 2 ގައި އޭއައި އިރޭޒަރ 2.0، އޭއައި ސްމާޓް ކަޓްއައުޓް 2.0، ސްކޭން ޑޮކިއުމެންޓް އަދި ރެކޯޑިންގ ސަމަރީ ފީޗާތައް ހިމެނޭނެއެވެ.

ވަން ޕްލަސްގެ އޭއައި ޓޫލްބޮކްސްގައި ހިމެނޭ އޭއައި ސްޕީކް، އޭއައި ސަމަރީ އަދި އޭއައި ރައިޓާ ފަދަ އެހެނިހެން ފީޗާތައް ފަހުން ތަޢާރަފުކުރާނެ ކަމަށް ކުންފުނިން ބުނެފައިވެއެވެ.

މި ޑިވައިސްތައް ނެރުމުގެ ކުރިން، ވަން ޕްލަސް 12އާރުގެ ސަންސެޓް ޑިއުން ވެރިއަންޓެއް އިންޑިއާގައި ވަނީ ތަޢާރަފުކޮށްފައެވެ.

ސްމާޓް ފޯނު އުފެއްދުމުގައި މަޝްހޫރު ޗައިނާއަށް ނިސްބަތްވާ ވަންޕްލަސް އަކީ 2013 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. މި ކުންފުނިން ފުރަތަމަ ނެރުނު ފޯނަކީ "ވަންޕްލަސް ވަން" އެވެ.

އޭގެ ފަހުން ވަންޕްލަސް ވަނީ އޭގެ މަތީ ފެންވަރުގެ ސްމާޓްފޯނުތަކާއި އަގުހެޔޮ ފޯނުތަކުން މަޝްހޫރުވެފައެވެ.

ކުންފުނީގެ "ނެވަރ ސެޓްލް" ޝިއާރުގެ ދަށުން، އަބަދު ވެސް އާ ޓެކްނޮލޮޖީތަކާއި އައު ފީޗާތައް ތަޢާރަފުކުރަމުން ގެންދެއެވެ.

ފޯނުގެ އިތުރުން، ވަންޕްލަސްއިން ޓެބްލެޓްތަކާއި އިޔަރބަޑްސް ފަދަ އެހެނިހެން އިލެކްޓްރޯނިކް ސާމާނު ވެސް އުފައްދައެވެ. މިހާރު ވަންޕްލަސްއަކީ ބީބީކޭ އިލެކްޓްރޯނިކްސްގެ ދަށުން ހިންގާ ކުންފުންޏެކެވެ.