20 Jun 2012, 13:37
ކުރީގެ އެޓޯލްސް މިނިސްޓްރީން ގަތް ބަނދަރު ބައްތިތަކުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ ނުކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓްގައި މިއަދު އިސްތިއުނާފުކޮށްފި އެވެ.
ނާޒިމްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓްގައި އުފުލި ހަތަރު ޖިނާއީ ދައުވާ ވެސް ނާޒިމްއާ އެއްކޮޅަށް ނިމިފައިވާ އިރު، އެ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފަށް މިއަދު ހުށަހެޅީ އެންމެ މައްސަލައެކެވެ.
ޕީޖީ އޮފީހުންގެ މީޑީއާ އޮފިޝަލް ހުސައިން ނާޝިދު ވިދާޅުވީ ނާޒިމާ ދެކޮޅަށް ޕީޖީން ދައުވާ ކުރި ޖިނާއީ މައްސަލަތައް ދަށު ކޯޓުން ސާބިތުނުވުމުން، އަނެއް ތިން މައްސަލަ ވެސް ހައި ކޯޓަށް އިސްތިއުނާފަށް ހުށަހަޅުއްވާނެ ކަމަށެވެ.
ނާޒިމްއާ ދެކޮޅަށް މިއަދު ހައި ކޯޓަށް ހުށަހެޅުއްވި މައްސަލައާ ގުޅޭ ގޮތުން ނާޝިދު ވިދާޅުވީ ހައި ކޯޓަށް އިސްތުއުނާފަށް ހުށަހަޅާފައި ވަނީ ނާޒިމްއާ ދެކޮޅަށް ދައުވާ ނުކުރެވޭނެ ކަމަށް ކުރި ހުކުމް ބާތިލް ކުރުމަށް ކަމަށެވެ. އަދި އެ ދައުވާގައި ނާޒިމް ހިންގާފައިވާ ކަމަށް ތުހުމަތު ކުރާ މަކަރާއި ހީލާތުގެ މައްސަލަ މައުޟޫއީ ގޮތުން ހައި ކޯޓްގައި ކުރިއަށް ނުގެންދާނެ ކަމަށެވެ.
"ނާޒިމާ ދެކޮޅަށް ހަތަރު މައްސަލައެއް ހުށަހެޅިފައެއް އޮތް. އޭގެ ތެރެއިން ފުރަމަތަ މައްސަލަ އަޅުގަނޑުމެން މި ހުށަހެޅީ. ދެން އޮތް ތިން މައްސަލަ ވެސް ދެތިން ދުވަސް ތެރޭގައި ހުށަހަޅާނަން،" އޭނާ ވިދާޅުވި އެވެ.
ދަށު ކޯޓްގައި ނާޒިމްގެ މައްޗަށް ދައުވާ ކުރީ 220 ބަނދަރު ބައްތި ގަތުމަށް ކުރީގެ އެޓޯލްސް މިނިސްޓްރީން އިއުލާން ކުރުމުން ބައެއް ކުންފުނިތަކަށް ނޭނގި އެކުންފުނިތަކުގެ ނަމުގައި ނާޒިމްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ ދަށުން ހިންގާ ނަމީރާ އިންޖިނިއަރިންގެ މުވައްޒަފުން ބޭނުންކޮށްގެން ބިޑު ހުށަހަޅައި ބިޑް ކާމިޔާބުކޮށްފައިވާ މައްސަލަ އެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނަނީ ކަމެއް ކުރަން ބުނުމަކީ އެމީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުކުރެވޭނެ ކަމެއް ނޫން ކަމަށާއި ބިޑު ހެދުމަށް ނާޒިމް ނަމީރާގެ މުވައްޒަފުންނަށް އެންގި ނަމަވެސް އެއީ ނުބައިކޮށް ހެދުމަށް ބުނި ބުނުމަކަށް ނުވާނެ ކަމަށް މައްސަލަ ދިރާސާ ކުރުމުން ޝަރީއަތަށް ފާހަގަކުރެވޭކަމަށެވެ.