16 Jul 2024, 15:47
ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެެއްގައި ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުން ހައްޔަރުކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، މަސްތުވާތަކެތި ވިއްކައި، ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި މާލޭގެ އެޕާޓްމަންޓެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
މިގޮތުން، ފުލުހުން ބަލާ ފާސްކުރި އެޕާޓްމަންޓުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 278 ރަބަރު ޕެކެޓާއި ޖޫސްޕެޓީ ސައިޒު ކޮތަޅެއް ފެނިފައިވާ ކަމަށް އެ ޚިދުމަތުން ބުނެއެވެ.
މި މައްސަލާގައި ހައްޔަރުކުރީ ބަންގްލަދެޝް ދެ ފިރިހެނުން ކަމަށްވާއިރު، އޭގެތެރޭގައި 22 އަހަރުގެ މީހަކާއި 33 އަހަރުގެ މީހަކު ހިމެނެއެވެ.
ފުލުހުން އިތުރަށް ބުނީ، މި މައްސަލާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ވެސް 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ އަންނަނީ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގައި އިޖުތިމާއީ އެންމެ ބޮޑު މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށްވާއިރު، އެންމެ ގިނައިން މީހުން ހައްޔަރު ކުރަނީ ވެސް މި މައްސަލައިގައެވެ. އެކަމަކު، މި މައްސަލައަށް މިހާތަނަށް އެއްވެސް ސަރުކާރަކަށް އެދެވޭ ހައްލެއް ގެނެވިފައެއް ނުވެއެވެ.