16 Jul 2024, 13:15
ރާއްޖޭގެ މަސްވެރިކަން ދަށްވެ، މިފްކޯގެ އިތުރުން މަސްވިއްކާ ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެއްޖެއެވެ.
ކަނޑުމަހުގެ ބާވަތްތައް ގަންނަން ނުލިބޭތީ އާންމުންގެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިފްކޯގެ ފިހާރަތަކުން ކަނޑު މަހުގެ ބާވަތްތައް ހުސްވުމާ ގުޅިގެން އެ ކުންފުނިން މިއަދު ބުނީ ކަނޑުމަހުގެ ބާވަތްތައް މިދުވަސްވަރު މަދުވެފައި ނުވަތަ ހުސްވެފައި ވަނީ ރާއްޖޭގެ މަަސްވެރިކަން ދަށްވެ ކިރާ މަހުގެ އަދަދު މި ދުވަސްވަރު މަދުވުމުން ކަމަށެވެ.
މިފްކޯއިން ބައިނަލްއަގުވާމީ ބާޒާރުގެ އަގުގައި މަސް ގަންނަން މިފަހުން ނިންމުމުން، މަސް ކިރާ އަގު ވަނީ ދަށްވެފައެވެ. އެގޮތުން ގަނޑު ނުކުރާ މަސް ކިލޯއެއް އެ ކުންފުނިން މިހާރު ގަންނަނީ 14 ރުފިޔާއަށެވެ. ގަނޑުކުރިމަސް ގަންނަނީ މަސް ކިލޯއެއް 16 ރުފިޔާއަށެވެ.
މިފްކޯގެ ފިހާރަތަކުން މަސް ހުސްވެ ކަނޑުމަސް ނުލިބުމުގެ ޝަކުވާ އާންމުން ކުރަމުން އަންނައިރު އެ ކުންފުނިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ލަސްވާތީ މަސްވެރިން ދާދި ފަހުން އިހުތިޖާޖުތަކެއްވެސް ކޮށްފައިވެއެވެ.