20 Jun 2012, 13:30
ހއ. ހޯރަފުށީ ނޫރީގޭ، މުހައްމަދު އަރުހަމް މަރާލި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހަކު ކަނޑިއަކުން ގެއެއްގެ ބިއްލޫރި ގަނޑެއް ތަޅާލި މައްސަލައެއްގައި އެއް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެ މައްސަލައިގައި އެއް އަހަރަށް ޖަލަށްލާން ހުކުމް ކުރީ ގދ. ގައްދޫ، ގުންޒަރުގޭ، މުހައްމަދު ސުފުޔާންގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ހެނދުނު 7:30 އެހާކަންހާއިރު މއ. ބްލޫރޯޒް ވިލާގޭގެ ކައިރީގައި ކަނޑިއެއް ހިފައިގެން ހުރެ އެގޭގެ ބިއްލޫރި ގަނޑެއް ސުފުޔާން ތަޅާލާފައިވާކަން ހެކީންގެ ހެކިބަހުން އެނގޭ ކަމަށެވެ. އެހެންކަމުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުލަތުން އޭނާގެ މައްޗަށް ކުރި، އާންމުތަމެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާތީ އަދި މިއީ އެފަދަ ކުށެއް އޭނާގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ އޭނާ އެއް އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.
"އާންމުތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުން މުހައްމަދު ސުފުޔާން ކުއްވެރިވެއްޖެ ކަމަށް ކަނޑައަޅާ، މިއީ މިބާވަތުގެ ކުށެއް މީނާގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ، މިކުށުގެ އުގޫބާތެއްގެ ގޮތުން ބުނެވި ދިޔަ ގާނޫނުގެ ތިން ވަނަ މާއްދާގެ (ނ) ގެ ދަށުން، ގދ. ގައްދޫ، ގުންޒަރު މުހައްމަދު ސުފުޔާން 12 މަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކޮށްފީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.
ސުފުޔާނަކީ މުޖުތަމައުއަށް ނުރައްކާތެރި ކުށްވެރިންގެ ތެރޭގައި ވެސް ހިމެނޭ މީހެއްކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހުންގެ ފުރާނަ އަށް ނުރައްކާވާ ފަދަ މާރާމާރީ ހިންގާ ކަމަށް ތުހުމަތު ކުރެވޭ ސުފުޔާން 13 ފަހަރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ.