16 Jul 2024, 10:55
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ހިންގުމުގެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކަށް ބޭފުޅުން އައްޔަންކޮށްފިއެވެ.
ބޭފުޅުން އައްޔަންކޮށްފައި ވަނީ އެ ޕާޓީ ހިންގުމުގެ އޮނިގަނޑުގައި ހިމެނޭ ކޮމިޓީތަކާއި ކައުންސިލްތަކަށެވެ. މިގޮތުން، އެމްޑީއޭގެ ސްޕޯކްސް ޕާސަން ކަމަށާއި ޕޮލިސީ އެންޑް ޑިވެލޮޕްމަންޓް ކައުންސިލްގެ ޗެއާޕާސަން ކަމަށް އައްޔަންކޮށްފައި ވަނީ ޕާޓީގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު އައްބާހެވެ.
ވުމެންސް ކައުންސިލްގެ ޗެއާޕާސަންއަކަށް ނާޒިރާ އިބްރާހިމް މަނިކު އައްޔަން ކޮށްފައިވާއިރު، އެމްޑީއޭގެ ޔޫތް ކައުންސިލްގެ ޗެއާޕާސަންކަން ދީފައި ވަނީ އަޙުމަދު ރީހާންއަށެވެ.

އެމްޑީއޭ ހިންގުމުގެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކަށް އައްޔަން ކުރެއްވި ބައެއް ބޭފުޅުން-- ފޮޓޯ: އެމްޑީއޭ
އޭގެއިތުރުން، މީޑިއާ ކައުންސިލްގެ ޗެއާ ޕާސަންކަމުގެ މަގާމު އެ ޕާޓީން ދީފައި ވަނީ އަލީ ފާރީޝް ޔޫސުފަށެވެ. ސޯޝިއަލް ޕްރޮޓެކްޝަން ކައުންސިލްގެ ޗެއާޕާސަން ކަމަށް އަބްދުލް ޤާދިރު މުޙައްމަދު ހަމަޖައްސާފައި ވާއިރު، އިސްލާމިކް ކަންކަމާ ބެހޭ އެންމެ މަތީ މަޖިލީހަށް އައްޔަން ކުރީ އަޙުމަދު މާޖިދެވެ.
މި މަހުގެ ތިން ވަނަ ދުވަހު ވަނީ އެމްޑީއޭ އަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ ފެންވަރުގެ މެމްބަރުން ގިނަ ބޮޑު ޕާޓީއަކަށް ހެދުމަށް ޓަކައި، ޕާޓީގެ ހިންގުން ހަރުދަނާކޮށް މެމްބަރުން އިތުރުކުރުމަށް މަސައްކަތް ކުރުމަށް މަޝްވަރާކޮށްފައެވެ.
އެއީ އެ ޕާޓީގެ ޕޮލިސީ އެންޑް ޑިވެލޮޕްމަންޓް ކައުންސިލްގެ ބައްދަލުވުމެއް ކަމަށްވާއިރު، އެއީ އެ ކައުންސިލަށް އަލަށް ހޮވުނު މެމްބަރުންނާއެކު ބޭއްވި އެންމެ ފުރަތަމަ ބައްދަލުވުމެވެ.
އެމްޑީއޭ ތަމްސީލު ކުރައްވާ ދެ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ވެސް ތިއްބަވައެވެ. އެއީ ދ. މީދޫ ދާއިރާ ތަމްސީލު ކުރައްވާ އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދާއި ވެލިދޫ ދާއިރާ ތަމްސީލު ކުރައްވާ އައްބާހެވެ.
އެމްޑީއޭއަކީ މިހާރު ރާއްޖޭގައި ހަތަރުވަނައަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ.