16 Jul 2024, 10:16
އަންނަ ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރަނިން މޭޓަކަށް އޮހައިއޯގެ ސެނެޓާ ޖޭޑީ ވެންސް ހަމަޖައްސައިފިއެވެ.
ވެންސަކީ ޓްރަމްޕަށް ވަފާތެރި ގާތް އެކުވެރިއެއްވެސްމެއެވެ.
"ވަރަށް ގިނަ ގޮތްގޮތަށް ވިސްނުމަށް ފަހު، އަޅުގަނޑު ނިންމާފައި މިވަނީ އެމެރިކާގެ ނައިބު ރައީސްގެ މަގާމާ ހަވާލުވުމަށް އެންމެ އެކަށީގެންވާ މީހަކީ އޮހައިއޯ ސްޓޭޓްގެ ސެނެޓާ ޖޭ.ޑީ ވެންސް ކަމަށް،" ޓްރަމްޕް އޭނާގެ ޓްރަތް ސޯޝަލް ނެޓްވޯކްގައި ވިދާޅުވިއެވެ.
އުމުރުން 39 އަހަރުގެ ވެންސް ބޮޑަށް ފާހަގަވީ 2016 ވަނަ އަހަރު ނެރުނު އޭނާގެ ފޮތް "ހިލްބިލީ އެލެޖީ" ޝާއިއު ކުރުމުންނެވެ. ދެހާސް ބާވީސް ވަނަ އަހަރު ސެނެޓަށް އިންތިޚާބުވެވަޑައިގެންނެވިއިރު، އޭނާ ވަނީ ކުރީގެ ރައީސްގެ "މޭކް އެމެރިކާ ގްރޭޓް އެގެއިން" އެޖެންޑާ ކެމްޕޭނުގައި އެންމެ ވަރުގަދަޔަށް ކެމްޕޭނު ކުރެއްވި އެއް ބޭފުޅަކަށް ވެފައެވެ.
ނަމަވެސް އޭނާ އަކީ އެމެރިކާގެ ސިޔާސީ މައިދާނުގައި މާ ބޮޑަށް ފާހަގަވެފައިވާ ބޭފުޅެއް ނޫން ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ވެންސްއަކީ އެއް އިރެއްގައި ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑިވިދާޅުވި ބޭފުޅެކެވެ. ޓްރަމްޕަކީ އެމެރިކާގެ ހިޓްލާ ކަމަށާއި މޮޔައެއް ކަމަށްވެސް ވެންސް ވަނީ މީގެކުރިން ވިދާޅުވެފައެވެ.
ވެންސްގެ މަންމަ އަކީ ރަލަށް ދެވިހިފައިވާ މީހެކެވެ. ވެނިސް ވަރަށް ކުޑައިރު ބައްޕަ ވަނީ އާއިލާ ދޫކޮށް ގޮސްފައެވެ. އޭގެފަހުން އޭނާ ބެލީ މާމައާއި ކާފައެވެ.