16 Jul 2024, 12:58
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކް އިންސާފް ޕާޓީ (ޕީޓީއައި) ހިންގުން މަނާކުރަން ނިންމައިފައިވާ ކަމަށް ޕާކިސްތާން ސަރުކާރުން ބުނެފިއެވެ.
ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަތައުالله ތަރާރު އެކަން އިއުލާނުކުރައްވައިފައިވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި އަންހެނުންނާއި އާބާދީގައި މަދު ދީންތަކާއި ސަގާފަތްތަކުގެ މީހުންނަށް ޚާއްސަކޮށްފައިވާ ގޮނޑިތަކުން ގޮނޑިތަކެއް، ޕީޓީއައިއަށް ވެސް ހައްގުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމިތާ ދުވަސްކޮޅެއް ފަހުންނެވެ.
ޕާކިސްތާނުގައި އެންމެ ފަހުން ބޭއްވި އާންމު އިންތިޚާބުގައި ޕީޓީއައި މެންބަރުންނަށް އެ ޕާޓީގެ ފަރާތުން ވާދަކުރުން އިލެކްޝަން ކޮމިޝަން (އީސީ)ން މަނާކުރިއެވެ. އެހެންވެ، އިމްރާނަށް ތާއިދު ކުރާ ކެނޑިޑޭޓުން ވާދަކުރީ މިނިވަންކޮށެވެ. އަދި 93 ގޮނޑިއާއެކު އަޣުލަބިއްޔަތު ހޯދީ ވެސް އެ ކެންޑިޑޭޓުންނެވެ.
ނަމަވެސް ޕީޓީއައިގެ މެންބަރުން ކޯލިޝަން ހަދަން ދެކޮޅު ހެދުމުން ބޮޑުވަޒީރު ޝެހެބާޒް ޝަރީފް އިސްކޮށް ހުންނަވައި ކުދި ޕާޓީތަކާއެކު ކޯލިޝަން ސަރުކާރެއް އެކުލަވާލެއްވިއެވެ.
ސުޕްރީމް ކޯޓުގެ ނިންމުމާއެކު ޕީޓީއައިއަށް އިތުރު 23 ގޮނޑި ލިބުމަށް މަގުފަހިވިއެވެ.
ތަރާރު ވިދާޅުވީ، ޕީޓީއައިއަކީ ހަމަނުޖެހުމަށް ހިތްވަރުދީ، ދައުލަތުގެ ސިއްރު ލިޔެކިޔުންތައް ލީކުކުރާ ޕާޓީއެއް ކަމަށެވެ. އެހެންވެ އެ ޕާޓީ މަނާކުރަން ސަރުކާރުން ނިންމީ ކަމަށެވެ.
"ޕީޓީއައި ހިންގުން މަނާކުރަން ސަރުކާރުން ނިންމާފައި މިވަނީ ވަރަށް ގިނަ ހެކިތަކަށް ބަލައިފައި. އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅާނަން." ތަރާރު ވިދާޅުވިއެވެ.
އަދި އިމްރާނާއި ޕާޓީގެ އިތުރު ދެ އިސް ލީޑަރުން ކަމަށްވާ ޕާކިސްތާނުގެ ކުރީގެ ރައީސް އާރިފް އަލްވީ އާއި ގައުމީ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ޤާސިމް ސޫރީގެ މައްޗަށް ޚިޔާނާތުގެ ދައުވާ އުފުލުމުގެ އިތުރުން، އެ ޕާޓީއަށް އިތުރު ގޮނޑި ލިބުމުގެ ފުރުސަތު އޮތް ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ދެކޮޅަށް އިސްތިއުނާފު ހުށަހަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕީޓީއައިގެ ތަރުޖަމާނު ސައީދު ޒުލްފިގާރު ބުޚާރީ އަލްޖަޒީރާއަށް ވިދާޅުވީ އެއީ ސަރުކާރުން ޕީޓިއައި ދެކެ ބިރުގަންނާތީ ނިންމި ނިންމުމެއް ކަމަށެވެ.
އާ ސަރުކާރު އުފެއްދުމަށް އިއްތިހާދުވުމަށް ޕާކިސްތާން މުސްލިމް ލީގް ނަވާޒް (ޕީއެމްއެލްއެން) އާއި ޕާކިސްތާންސް ޕީޕަލް ޕާޓީ (ޕީޕީޓީ) އިން ވެސް ޕީޓީއައިއަށް ހުށަހެޅިއެވެ. ނަމަވެސް ޕީޓީއައިއިން އެކަމަށް އެއްބަސްނުވީއެވެ.
އިމްރާނަށް ޕާކިސްތާނުގެ ވެރިކަން ގެއްލުނީ 2022ވަނަ އަހަރު އޭނާއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ފާސް ކުރުމާ ގުޅިގެންނެވެ. އެ ކަމުގެ ފަހަތުގައި އޮތީ ޕާކިސްތާނުގެ ނުފޫޒު ގަދަ އަސްކަރިއްޔާ ކަމަށް އޭނާ ތުހުމަތު ކުރެއްވި ނަމަވެސް, އަސްކަރިއްޔާއިން މި ތުހުމަތުތައް ދޮގު ކުރެއެވެ. ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެ, އޭނާއާ ދެކޮޅަށް އިއްވާފައިވާ ހުކުމްތަކާ އެކު އިމްރާނު މިހާރުވެސް ހުންނެވީ ޖަލުގައެވެ.