ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ސަރުކާރާ ހަވާލުވެވަޑައިގަތް ފަހުން، ފުލުހުން ފެއްޓި އޮޕަރޭޝަންގެ ދަަށުން މިހާތަނަށް 12 ހަށިވިއްކާ ތަނެއް ބަންދުކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ހޯމް މިނިސްޓްރީ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ހަށިވިއްކުމުގެ ވިޔަފާރި ހުއްޓުވުމަށް ޓަކައި މި އަހަރުގެ މާޗް މަހުން ފެށިގެން މިހާތަނަށް ފުލުހުން ހިންގާފައިވާ އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށެވެ. އަދި އެ އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ ތުހުމަތުގައި ދިވެހިންނާއި ބިދޭސީން ވެސް ހައްޔަރުކޮށްފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

ނަމަވެސް ބަންދު ކުރި ތަންތަނުގެ ނަންތަކެއް އެ މިނިސްޓްރީ އިން އާންމުކޮށްފައެއް ނުވެ އެވެ.

ހޯމް މިނިސްޓްރީން ބުނީ ހަށިވިއްކުމުގެ ވިޔަފާރި ރާއްޖޭގައި ފެތުރިގެން ގޮސްފައިވާ މިންވަރާ މެދު އެ މިނިސްޓްރީން ކަންބޮޑުވާ އިރު އެފަަދަ އަމަލުތައް ހިންގައި ފެތުރުމުގައި ދިވެހިން ބައިވެރިވާކަމީ އަދި ބައެއް ފަހަރު ދިވެހިން އަމަލީ ގޮތުން އެކުށުގައި ބައިވެރިވުމަކީ އެ މިނިސްޓްރީން އެކަމާ ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ހަށިވިއްކާ ތަންތަން ހޯދުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ހުއްޓާ ނުލައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި އެފަދަ އަމަލުތައް ހިންގާ ތަންތަނާއި މަސްއޫލުވެރި ފަރާތްތަކާ މެދު ވެސް ވިޔަވަޅު އެޅުމަކީ ކުރަންޖެހިފައިވާ ކަމެއް ކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ހަށިވިއްކުން ހުއްޓުވުމަށް ޓަކައި މިހާރު ހުރި ގާނޫނުތަކަށް އިތުރު އިސްލާހުތައް ގެނެސް އެކުށް ފެތުރެމުންދާ ނިސްބަތަށާއި އެކަމުގެ ސަބަބުން ދީނީ އަދި އިޖުތިމާއީ ގޮތުން ލިބޭ ގެއްލުމުގެ މައްޗަށް ވިސްނާ އެކުށަށް ދެވޭ އަދަބުގެ މިންވަރާ އެ ކަމުގައި ހިމެނޭ އެންމެހާ ފަރާތްތަކާ މެދު އެކަށީގެންވާ އަދަބުތަކެއް ދެވޭނެ ފަދަ ގޮތަކަށް ގާނޫނުތައް އިސްލާހު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ހޯމް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އެގޮތުން ހަށިވިއްކުމުގެ ވިޔަފާރީގައި ބައިވެރިވާ އެންމެހާ ފަރާތްތަކާ މެދު އެކަށީގެންވާ އަދަބުތަކެއް ދެވޭނެ ގޮތަކަށް ގާނޫނުތައް އިސްލާހު ކުރުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.