15 Jul 2024, 23:45
އުތުރާއި މެދުރާއްޖެ ތެރޭގެ މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރާ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
މީގެއިތުރުން، ދެކުނުގެ ބައެއް ރަށްތަކަށް ވެސް ކެރީގެ އަސަރު ފޯރާ، ގުރުރުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ނަމަވެސް އުތުރާއި މެދު ރާއްޖޭތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
އެ އިދާރާއިން ބުނީ ހުޅަނގު ދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އިން ބުނެއެވެ.
މެޓް އިން ބުނީ ހެނދުނު 6:00 ގެ ނިޔަލަށް އުތުރާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށެވެ. އެގޮތުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިރުޝާދު ދީފައެވެ.