ޑްރަގް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކުރަން އުޅުނު މީހަކަށް އަނިޔާވެ އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަހުމަދު ޝިފާން ވިދާޅުވީ ފުލުހުންގެ ބެލުމުގެދަށަށް ގެނައުމުގެ ތެރޭގައި އަނިޔާވީ 38 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.

ޝިފާން ވިދާޅުވީ މި ހާދިސާގައި ފުލުހުން އަމަލުކުރިގޮތާ މެދު އާއިލާގެ ސީރިއަސް ކަންބޮޑުވުންތަކެއް ހުރިކަމަށް ބުނެ އެ މައުލޫމާތު އާއިލާއިން ހިއްސާކޮށްފައިވާކަމަށެވެ.

އެހެންކަމުން މި ހާދިސާ ހިނގި ގޮތް ބަލައި ދިނުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑާއި، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަންގައި މިހާރު އެދިފައިވާނެ ކަމަށް ޝިފާން ވިދާޅުވިއެވެ.

ފުވައްމުލަކުގައި އަނިޔާވެރި ގޮތަކަށް ފުލުހުންގެ ދެ އޮފިސަރަކު ވެގެން މީހަކު ހައްޔަރުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިފަހުން އާންމުވިއެވެ.

އެ މައްސަލަ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.