15 Jul 2024, 19:46
އިންޑިއާގެ ޓްރިވެންޑްރަމްގައި ހުރި ހޮސްޕިޓަލެއްގެ ލިފްޓުގައި ތާށިވި މީހަކު ދެ ދުވަސް ފަހުން ސަލާމަތްކޮށްފިއެވެ.
އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން، އެ ހާދިސާ ހިނގީ ޓްރިވެންޑްރަމްގެ ގަވަމެންޓް މެޑިކަލް ކޮލެޖުގައެވެ. އެގޮތުން 59 އަހަރުގެ ރަވިންދުރަން ނައިރު ކިޔާ މީހަކު ލިފްޓުގައި ތާށިވީ ޑޮކްޓަރަށް ދައްކަން މިދިޔަ ހޮނިހިރު ދުވަހު ދިޔުމުން ކަމަށް އެ ނޫސްތަކުގައިވެއެވެ.
ފުލުހުން ބުނީ އޭނާ ލިފްޓަށް އަރައި، ގްރައުންޑް ފްލޯއިން ދާން އުޅުނީ ފުރަތަމަ ފަންގިފިލާއަށް ކަމަށާއި ނަމަވެސް ލިފްޓު ދިޔައީ ތިރިއަށް ކަމަށެވެ. އަދި އޭނާގެ ފޯން ނިވިފައި އޮތުމުން ފޯން ބޭނުން ކުރެވޭ ގޮތެއް ނުވީއެވެ.
ޕްރެސް ޓްރަސްޓް އޮފް އިންޑިއާއިން ރަވިންދުރަންއާ ހަވާލާދީ ބުނެފައިވާ ގޮތުގައި އޭނާ ލިފްޓުގެ ފޯން ބޭނުންކޮށް، އެލާމަށް އެތައް ފަހަރަކު ފިތި ނަމަވެސް މީހަކާ ގުޅޭ ގޮތެއް ނުވިއެވެ. އަދި ގަޑިއެއް ނެތުމުން، ލިފްޓުގައި ހޭދަވި ވަގުތެއް ވެސް އޭނާއަށް ނޭނގޭ ކަމަށް ރަވިންދުރަން ބުނެފައިވެއެވެ.
"މިއަދު ހެނދުނު އޮޕަރޭޓަރެއް އައި، އަދި އަހަރެން އެލާމަށް ފިތީ. ދެ މީހުން ވެގެން ލިފްޓުގެ ދޮރުހުޅުވީމަ އަހަރެން ފޭބީ،" އޭނާ ބުނެފައިވެއެވެ.
ރަވިންދުރަން ގެޔަށް ނާންނާތީ އޭނާގެ އާއިލާއިން އޭނާ ގެއްލިފައިވާ ކަމަށް ބުނެ ރޭ އެ މައްސަލަ މެޑިކަލް ކޮލެޖުގެ ފުލުހުންނަށް އެންގި ކަމަށް ވެސް ނޫސްތަކުގައިވެއެވެ.
އެ އާއިލާއިން ބުނީ އެ ހާދިސާއާ ގުޅިގެން ރަވިންދުރަން ބިރުގަނެފައިވާ ކަމަށެވެ. އަދި އެއީ މައްސަލަ ޖެހިފައިވާ ލިފްޓެއް ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައި އޮތް ނަމަވެސް، ލިފްޓަށް އެއްވެސް މައްސަލައެއް ދިމާވެފައިވާ ކަމުގެ ނޯޓިސްއެއް ލިފްޓު ކައިރީގައި ޖަހާފައި ނެތް ކަމުގެ ކަންބޮޑުވުން އާއިލާއިން ފާހަގަކުރިއެވެ.
ކެރަލާގެ ހެލްތު މިނިސްޓްރީން ވަނީ ހޮސްޕިޓަލުން އެ މައްސަލަ ބަލައި، ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަންގައިފައެވެ.
ޓްރިވެންޑްރަމް އަކީ ބޭސްފަރުވާއަށް ވަރަށް ގިނަ ދިވެހިން ގޮސްއުޅޭ ސިޓީއެކެވެ.