15 Jul 2024, 17:56
ޚިދުމަތް ޖަމިއްޔާގެ ފަރާތުން ބަންގްލަދޭޝްގައި މިސްކިތެއް އަޅަންގޮސް އުޅުނު ދިވެއްސަކު އެކްސިޑެންޓް ވެއްޖެއެވެ.
އެކަސިޑެންޓްވީ ބަންގްލަދޭޝަށް އެ ޖަމިއްޔާގެ ފަރާތުން ގޮސްއުޅުނު ޓީމުގެ އޮޕަރޭޝަންސް މެނޭޖަރު ހުސައިން ހައިޝަމްއެވެ.
މި އެކްސިޑެންޓާ ގުޅިގެން "ސަން"އަށް މައުލޫމާތު ހިއްސާކުރަމުން ޚިދުމަތް ޖަމިއްޔާއިން ބުނީ، ހައިޝަމް އެކްސިޑެންޓުވީ އިއްޔެ ހެނދުނު ބަންގްލަދޭޝްގެ ވެރިރަށް ޑާކާއިން ޗިޓަގޮންގްއަށް ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ. އެމީހުން ކުރީ ދިގު ދަތުރެއް ކަމަށާއި އެކްސިޑެންޓު ހިނގަން މެދުވެރިވީ ކާރު ދުއްވަން އިން މީހާއަށް ނިދި ޖެހި، ކާރު ގަހެއްގައި ޖެހުމުން ކަމަށް ޖަމިއްޔާއިން މައުލޫމާތުދެއެވެ.
އެކްސިޑެންޓު ހިނގި ވަގުތު ކާރުގައި ހައިޝަމްގެ އިތުރުން ދިވެއްސެއް ވެސް އިނެވެ. ނަމަވެސް، އޭނާއަށް މާބޮޑު އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.

ކާރުގެ ކުރީ ސީޓުގައި އިން ހައިޝަމްގެ ފައި ވަނީ މާކަޅުވާ ކަށިގަނޑު ބިންދައިގެން ގޮސްފައެވެ. އަދި ކާރު ޑްރައިވަރުގެ އަތް ބިންދައިގެން ގޮސްފައި ވާއިރު، ކާރު ވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ވާކަމަށް ޖަމިއްޔާއިން މައުލޫމަތު ދެއެވެ.
ހައިޝަމް އޮޕަރޭޝަން ކުރަން ޑޮކްޓަރުން ލަފާދިން ނަމަވެސް ހޮސްޕިޓަލް ބަދަލުކުރަން ދިގު ދަތުރެއް ކުރަން ޖެހުމުން އިއްޔެ އެ އޮޕަރޭޝަން ކުރެވޭ ގޮތެއް ނުވިއެވެ. މިހާރު އޭނާ އޮޕްރޭޝަން ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
"އޮޕަރޭޝަނަށް ވައްދާފަ މިހާރު ވަނީ. ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅަށް ދަނީ،" ޖަމިއްޔާއިން ބުންޏެވެ.
ހައިޝަމްގެ ހޮސްޕިޓަލުގެ ހުރިހާ ޚަރަދެއް، ބަންގްލަދޭޝްގެ އެންޖީއޯއަކުން ކޮށްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.