15 Jul 2024, 15:58
ފިނި ކޮޓަރީގައި ނުތިއްބަވައި ސަރުކާރުން މާލެ ރައްޔިތުން ދިރިއުޅެމުންދާ ހާލު ބަލަން ޖެހޭ ކަމަށް މާލޭ ސިޓީ ކައުންސިލް މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މާލޭގެ ގޮދޮރުވެރިކަމާ ފްލެޓްތަކުގެ މައްސަލައާ ގުޅިގެން މޭޔަރު އާޒިމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ، މާލޭ ރައްޔިތުން ވަރަށް ދަތި ހާލުގައި ދިރިއުޅޭކަން އެނގިތިބެ، މިފަދަ މައްސަލަތައް އަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
މިގޮތުން، ސިޓީ ކައުންސިލްގައި މޭޔަރު މަސައްކަތް ކުރައްވަނީ މާލޭގައި އުޅޭ ރައްޔިތުންންގެ ގޮދޮރުވެރިމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

ފަހި ޔޫނިއަންގެ ފައުންޑާ: އޭނާ ބުނީ ރައީސް ޑރ. މުޙައްމަދުގެ ވައުދުފުޅާ އެއްގޮތަށް މި ފަސް އަހަރު ތެރޭ ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ކަމަށް އުންމީދު ކުރާ ކަމަށް ---- ސަން ފޮޓޯ/ ނާއިޝް ނާހިދު
އާޒިމް އިތުރަށް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އަންނަ ބުދަ ދުވަހު އެ ކައުންސިލުން ބާއްވާ ބައްދަލުވުމުގައި އެ މައްސަލަގައި ދެކޭ ގޮތް ނިންމާ ހައުސިން މިނިސްޓްރީއަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.
އެ މައްސަލާގައި މާލޭ ސިޓީ ކައުންސިލުން ނިންމާ ނިންމުންތަކުގައި ކޮންމެ ރައްޔިތެއްގެ ހައްގު ކަށަވަރު ކުރައްވާނެ ކަމުގެ ޔަގީންކަން މޭޔަރު ވަނީ ދެއްވާފައެވެ.
އަޅުގަނޑުމެންނަށް މަގާމުތައް ލިބިގެން ބޮޑު މުސާރަ ލިބިގެން އަރާމު ތަންތާނގާއި އުޅުމަކުން ނުނިމޭ. އަޅުގަނޑުމެން ފިނި ކޮޓަރިން ނިކުމެ، މި މީހުން އުޅޭ ހާލު ބަލަން ހުރިހާ ސަރުކާރުގެ މީހުން ނިކުންނަން ޖެހޭ. ހުރިހާ އިންތިހާބު މީހުން ނިކުންނަން ޖެހޭ. ނިކުމެ ގޮސް ބައްލަވާ އުޅޭ ހާލުމާލޭ ސިޓީ ކައުންސިލް މޭޔަރު އާދަމް އާޒިމް
އެހެންވެ، މޭޔަރު ވަނީ މި މައްސަލަ އަވަސްކޮށް، މާލޭގެ ރައްޔިތުންނަށް މި ކަން ހިނގަމުންދާ ގޮތް ހިއްސާކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
މޭޔަރުގެ އިތުރުން މި މައްސަލަ ލަސްވާތީ އެކަމުގައި ހަރަކާތްތެރިވާ ބައެއް ޖަމިއްޔާތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ފަހި ޔޫނިއަނުން ބުނީ، ފްލެޓް މައްސަލަތަކީ ރައްޔިތުންނާއި ވަރަށް ގުޅިފައި އޮތް ކަމެއް ކަމަށްވާއިރު، މި މައްސަލަ ހައްލު ނުވެ ގިނަ ދުވަސްވާތީ އެ ޔޫނިއަނުން ވެސް އެކަމާ ކަންބޮޑުވާ ކަމަށެވެ.

މާލޭގެ ގޮދޮރުވެރިކަމާ ފްލެޓްތަކުގެ މައްސަލައާ ގުޅިގެން މޭޔަރު އާޒިމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ޖަމިއްޔާތައް: ޖަމިއްޔާތަކުން ވަނީ މާލޭ ގެދޮވެރިކަމުގެ މައްސަލަ އަވަސްކުރުމަށް ގޮވާލާފަ ---- ސަން ފޮޓޯ/ ނާއިޝް ނާހިދު
އޭގެ އިތުރުން، ރައީސް ޑރ. މުޙައްމަދުގެ ވައުދުފުޅާ އެއްގޮތަށް މި ފަސް އަހަރު ތެރޭ ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ކަމަށް އުންމީދު ކުރާ ކަން އެ ޔޫނިއަނުން ވަނީ ފާހަގަކޮށްފައެވެ. އަށް މަސް ވެގެން ދިޔައިރު ވެސް ފްލެޓް ލިބިފައި ތިބި މީހުން ވާނުވާ ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
މި މައްސަލާއާ ގުޅިގެން ފަހި ޔޫނިއަންގެ އިތުރުން މާލެ ރަށްވެހިންގެ ޖަމިއްޔާ، ގިރާވަރު މާލޭ ރަށްވެހިންގެ އެސޯސިއޭޝަން، ގުޅީފަޅު ރައްޔިތުންގެ ޖަމިއްޔާ އަދި ހުޅުމާލެ ކޮމިއުނިޓީގެ ކަންބޮޑުވުން ތައް ވަނީ 'ސަން' އާ ހިއްސާކޮށްފައެވެ.
ގުޅީފަޅުން ވެސް ގޯތި ލިބުނު މީހުންނަށް ވެސް ވާނުވާއެއް ނޭނގޭ. އެހެންވީމަ މި ކަހަލަ ކަންތައް ކްލިއާކޮށްލަދެއްވާށޭ
މާލެ ރަށްވެހިންގެ ޖަމިއްޔާ
އެގޮތުން، ރަސްމާލެ މަޝްރޫއަށް ވެސް ތަރުހީބު ދޭކަން ފާހަގަކޮށް އެ ޔޫނިއަންތަކުން ބުނީ ފްލެޓްތަކާއި މާލެ ރައްޔިތުންނާއި ގުޅުން ހުރި މަސައްކަތްތައް ކުރުމަށް ގޮވާލާފައެވެ.