މިހާތަނަށް އާންމު ނުކުރެވިވާ މާލީ ހިސާބުތައް މި މަސް ނިމުމުގެ ކުރިން އާންމު ކުރާނެ ކަމަށް ސަރުކާރާއި ރައްޔިތުން ހިއްސާވާ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީން ބުނެފި އެވެ.

އެ ކުންފުނީގެ އައު މެނޭޖިން ޑިރެކްޓަރު މުހަންމަދު މަތީން މިއަދު ވިދާޅުވީ މިދިޔަ އަހަރުގެ މާލީ ހިސާބާއި މި އަހަރުގެ ފުރަތަމަ ތިން މަހުގެ މާލީ ހިސާބުތައް އާންމު ނުކުރެވިފައި ވަނީ ހެރެތެރޭގެ ހިސާބުތައް ނުނިމިގެން ކަމަށާއި އެ ތަނުގެ ހިސާބުތައް އެކުލަވާލުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

"ހެރެތެރޭގެ ހިސާބުތައް ނެތް ބެލެހެއްޓިފަޔެއް ވެސް، އެހެންވެ އަޅުގަނޑުމެން މި ދަނީ ވަކިން ހަމަ ކޮންމެ އެއްޗެއް އެންޓާ ކުރަމުން. އެކަން ވަރަށް ބާރަށް ކުރިއަށް އެބަދޭ. އެ ހިސާބުތައް ނިންމައި މި މަސް ނިމުމުގެ ކުރިން އާންމު ނުކުރެވި ހުރި ހިސާބުތައް އާންމު ކުރެވޭނެ،" މަތީން ވިދާޅުވި އެވެ.

އެ ކުންފުނިން މިދިޔަ އަހަރުގެ މާލީ ބަޔާންތައް އާންމުނުކޮށްގެން އަދި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ މާލީ ބަޔާންތައް އާންމުނުކުރުމުން ސީއެމްޑީއޭ އިން ވަނީ އެ ކުންފުނި 60،000ރ. އިން ޖޫރިމަނާކޮށްފަ އެވެ. މިއީ މާލީ ހިސާބުތައް އާންމު ނުކޮށްގެން ސީއެމްޑީއޭ އިން ކުންފުންޏެއް ޖޫރިމަނާ ކުރި އެންމެ ބޮޑު އަދަދެވެ.

ހިއްސާ ވިއްކާ ކުންފުނިތަކުގެ މައުލޫމާތު އާންމު ކުރުމުގެ ގަވާއިދުގައިވާ ގޮތުން ލިސްޓްކޮށްފައިވާ ކުންފުނިތަކުން ކޮންމެ ތިން މަހެއް ނިމުމުން 30 ދުވަހުގެ ތެރޭގައި އެ ކުންފުންޏެއްގެ މާލީ ހިސާބުތައް އާންމުކުރަން ޖެހެ އެވެ. އަދި ކޮންމެ މާލީ އަހަރެއް ނިމޭތާ ހަތަރު މަސް ދުވަހުގެ ތެރޭ އޮޑިޓަރުންގެ ރިޕޯޓާއި ޑިރެކްޓަރުންގެ ރިޕޯޓާއި މާލީ ހިސާބުތައް އާންމުކުރަން ޖެހޭނެ އެވެ.