15 Jul 2024, 14:52
ގޫގުލް އިން ސައިބާ ސެކިއުރިޓީ ދާއިރާގައި މަސައްކަތްކުރާ ސްޓާޓްއަޕް ކުންފުންޏެއް ކަމަށްވާ ވިޒް 23 ބިލިއަން ޑޮލަރަށް ގަތުމަށް މަޝްވަރާކުރަމުންދާ ކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.
މި މަޝްވަރާތައް މިހާރު އޭގެ އެންމެ ފައިނަލް ސްޓޭޖަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެވެއެވެ.
ސީއެންބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ޑީލް ފުރިހަމަވެއްޖެނަމަ، މިއީ ގޫގުލްގެ ތާރީޚުގައި އެންމެ ބޮޑު އެކުއިޒިޝަން ކަމުގައި ވާނެއެވެ.
ދެހާސްވިހިވަނަ އަހަރު އުފެދުނު ވިޒް ވަނީ ވަރަށް އަވަހަށް ކުރިއަރައި، މިދިޔަ މެއި މަހު 12 ބިލިއަން ޑޮލަރުގެ ވެލިއުއޭޝަނަކަށް ވާސިލުވެފައެވެ.
ވިޒްއިން ފޯރުކޮށްދެނީ ކްލައުޑް ސެކިއުރިޓީގެ ޚިދުމަތްތަކެވެ. މި ޚިދުމަތްތަކުން ކުންފުނިތަކުގެ މުޅި ކްލައުޑް ހާޒިރީއާ ބެހޭ މަޢުލޫމާތު ލިބިދެއެވެ.
ސައިބާސްޓާޓްސް، އިންޑެކްސް ވެންޗާސް، އިންސައިޓް ޕާޓްނާސް އަދި ސެކޯއިއާ ކެޕިޓަލް ފަދަ ފަންޑުތަކުން ވިޒް އަށް އިންވެސްޓް ކޮށްފައިވެއެވެ.
މި އެކުއިޒިޝަން އިން ދައްކުވައިދެނީ ގޫގުލް އިން ސައިބަ ސެކިއުރިޓީ ދާއިރާއަށް ދެމުންދާ އަހައްމިއްޔަތުކަމެވެ.
މީގެ ދެ އަހަރު ކުރިން ގޫގުލްއިން ވަނީ މެންޑިއަންޓް ވެސް 5.4 ބިލިއަން ޑޮލަރަށް ގަނެފައެވެ.
ގޫގުލް އަށް ދެ އެންޓިޓްރަސްޓް ދަޢުވާއެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި މި ޑީލް ކުރިއަށްދާކަމީ ފާހަގަކޮށްލެވޭ ކަމެކެވެ. ކުރިން ގޫގުލުން ހަބްސްޕޮޓް ގަތުމަށް މަޝްވަރާކުރި ނަމަވެސް، އެ މަޝްވަރާތައް ހުއްޓިފައިވާ ކަމަށް ބުނެވެއެވެ.
އިޒްރޭލަށް ނިސްބަތްވާ ވިޒް (Wiz) ކުންފުނި އުފެއްދީ 2020 ވަނަ އަހަރު އިޒްރޭލުގެ ސައިބަ ސެކިއުރިޓީ ދާއިރާގެ ތަޖުރިބާކާރުންތަކެކެވެ.
ވިޒްގެ މައި އޮފީސް ހުންނަނީ އިޒްރޭލުގެ ތެލް އަވީވް ގައެވެ. ނަމަވެސް، މިހާރު މި ކުންފުނިން ދުނިޔޭގެ އެކި ހިސާބުތަކުގައި އޮޕަރޭޓްކުރެއެވެ. އެމެރިކާގެ ނިއުޔޯކް ސިޓީގައި ވެސް ވިޒްގެ އޮފީހެއް ހުރެއެވެ.
މި ރިޕޯޓާ ގުޅޭގޮތުން ގޫގުލް އަދި ވިޒް އިން ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.