15 Jul 2024, 11:58
ހިތަދޫއާއި ހުޅުދޫމީދޫ ގުޅުވާލަދޭ ބްރިޖުގެ އަމަލީ މަސައްކަތް، އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހުމުން ކުރިއަށް ދާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން މުއްތަލިބު މިފަދައިން ވިދާޅުވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، އައްޑޫގެ ބްރިޖުގެ މަޝްރޫއަކީ މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫއު ކަމަށެވެ.
އައްޑޫ ސިޓީ ހިތަދޫއާއި ހުޅުމީދޫ ގުޅުވައިދޭ ބުރިޖު އެޅުމުގެ ސާވޭއާއީ ޑިޒައިން ހިލޭ ހަދައިދޭ ގޮތަށް، އެ މަސައްކަތް މިސްރުގެ 'ދި އަރަބް ކޮންޓްރެކްޓާޒް"އާ ސަރުކާރުން ހަވާލުކުރީ ފެބްރުއަރީ މަހުގެ 19ވަނަ ދުވަހެވެ.
މުއްތަލިބް ވިދާޅުވީ އައްޑޫ ބްރިޖު މަޝްރޫއަށް ބޭނުންވާ ފައިސާ ދަ އަރަބް ކޮންޓްރެކްޓާސްއަށް ހޯދޭ ގޮތް ނުވެއްޖެނަމަ އެހެން ބަޔަކާ އެއްކޮށް ވެސް ކުރިއަށް ދިއުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.
ހަމައެއާއެކު ބްރިޖުގެ މަޝްރޫއަށް ޕްރޮޕޯސަލް ހުށަހެޅި ކުންފުނިތަކަކީ ގާބިލް ބަޔަކަށް ވާތީ ފައިސާ ހޯދުމަށް އެ ކުންފުނިތަކާ ވެސް ވާހަކަ ދައްކަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މިމަޝްރޫއަށް ލޯނެއް ނެގުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
މިވަގުތު ކުރަމުން ދަނީ އެ ފަރާތުން ހުށަހަޅާފައި ހުރި ފައިނޭންސިން ކަންކަން އެއީ ސަރުކާރަށް އެކްސެޕްޓެބަލް ކަމެއްތޯ ބަލައި އިވެލުއޭޓްކޮށް، އެ ފަރާތާ މަޝްވަރާކުރުމުގެ މަސައްކަތް. މިވަގުތު ފައިސާ ހަމަ ނުޖެހެނީސް ކޮންޓްރެކްޓެއްގެ ތެރެއަށް ވަންނާކަށެއް ނެތް،އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
މި އެއްބަސްވުމުގައި ސޮއިކުރީ ދި އަރަބް ކޮންޓްރެކްޓާޒްއިން ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅި ޕްރޮޕޯޒަލް ސަރުކާރުން ދިރާސާކުރުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކައުންސިލްތަކާ ބައްދަލު ކުރެއްވުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހުޅުދޫއާއި މީދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
އައްޑޫ ބްރިޖުގެ މަސައްކަތަކީ ރައީސްގެ ފުރަތަމަ 100 ދުވަހުގެ މަގު ޗާޓުގައި އެންމެ ފަހު ހަފުތާއަށް ތާވަލުކޮށްފައިވާ އޮތް މަސައްކަތެކެވެ. މި އަހަރު ނިމުމުގެ ކުރިން އެ ބްރިޖު އަމަލީ ގޮތުން ފައްޓަވައި ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ހިތަދުއާއި ހުޅުމީދޫ ގުޅުވާލުމަށް މި ބްރިޖުގެ ސާވޭ މަސައްކަތަށް މި އަހަރު އޮތީ 30 މިލިއަން ރުފިޔާ ބަޖެޓުކޮށްފައެވެ.
ހަމައެއާއެކު މި މަޝްރޫޢުގެ ޑިޒައިން ތައްޔާރު ކުރުމަށް ކުރި ފުރަތަމަ ސާވޭތައް އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ވަނީ ނިންމާލާފައެވެ.
ބުރިޖަކުން ހިތަދޫއާއި ހުޅުމީދޫ ގުޅާލުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް 2018 ވަނަ އަހަރުގެ އިންތިޚާބު ތެރޭ ވެވަޑައިގެންނެވި ވައުދުފުޅެކެވެ.