15 Jul 2024, 15:15
ބޮލީވުޑްގެ ކާމިޔާބު ބަތަލާ ކްރިތީ ސެނޮން މުމްބާއީގެ އަލީބާގްގެ އެންމެ ހިތްގައިމު ސަރަޙައްދުން ބޮޑު އަގުގައި ބިމެއް ގަނެފިއެވެ.
ހައުސް އޮފް އަބީނަންދަން ލޯދާ (އެޗްއޯއޭބީއެލް)ގެ ނަމުން މަޝްހޫރު ސަރަޙައްދުން ބިމެއް ގަނެ އިންވެސްޓު ކުރުމަކީ ވަރަށް ދުރާލާ ވިސްނަމުން އައި ކަމެއް ކަމަށާއި އެއީ ކްރިތީގެ ހުވަފެނީ މަންޒިލެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
އަލީބާގްއިން ބިމެއް ގަނެފައިވާކަން އިއުލާނު ކުރަމުން ކްރިތީ ބުނެފައި ވަނީ އޭނާ އަކީ ވެސް މިހާރު އަލީބާގްގެ ފަޚުރުވެރި ބިންވެރިއެއް ކަމަށާއި ދިރިއުޅުމުގެ ހަލަބޮލިކަމުން އެކަހެރިވެލުމަށް އެއަށްވުރެ ވަކި ރަނގަޅު ހިސާބެއް މުމްބާއީގައި ނެތް ކަމަށެވެ. މިއީ ކްރިތީ ފުރަތަމަށް ފަހަރަށް ބޮޑު އަގުގައި ބިމެއް ގަނެ އެކަމަށް އިންވެސްޓުކުރާ ފަހަރު ކަމުން އެކަމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ލަފާއާއި މަޝްވަރާ ހޯދި ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ކްރިތީ ޕްރޮޑިއުސްކުރާ ފިލްމު "ދޯ ޕައްތީ"ގެ ކާސްޓުން--ފޮޓޯ/ވެރައިޓީ
އިންޑިއާގެ މުމްބާއީއިން 60 މިނެޓުގެ ކަނޑު ދަތުރަކަށް ފަހު ދެވޭ ހިތްގައިމު މި އަވަށަކީ ބޮލީވުޑްގެ އޭ-ލިސްޓު ތަރިން ބޮޑު އަގުގައި ގެތައް ގަންނަ މަޝްހޫރު މަންޒިލެކެވެ. ދާދިފަހުން މެގަ ސްޓާ އަމީތާބް ބައްޗަން ވެސް ވަނީ 10،000 އަކަފޫޓުގެ ބިމެއް އަލީބާގްއިން ގަނެ އެކަމަށް ބޮޑު އިންވެސްޓްމެންޓެއް ކުރަން ނިންމާފައެވެ. ބިމާއި މުދަލުގެ ހައިބަތުކަން ދައްކުވައިދޭ އަލީ ބާގްގައި އަމިއްލަ މިލްކިއްޔާތުތައް ހުރި ތަރިންގެ ތެރޭ ޝާހްރުކް ޚާން، ދަރިފުޅު ސުހާނާ ޚާން އަދި ބަތަލަ ދީޕިކާ ޕަދުކޯންގެ ދެމަފިރިން ހިމެނެއެވެ.
ފިލްމު އިންޑަސްޓްރީގެ އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭ ހިމެނޭ ކްރިތީ ސެނޮން ކެރިއަރުގައި ހޯދަމުން އަންނަ ކާމިޔާބީގެ އިތުރުން ފިލްމު ޕްރޮޑިއުސް ކުރުމުގެ މަސައްކަތަށް ވެސް ބަތަލާ ވަނީ ނުކުމެފައެވެ. ދާދިފަހުން ބްލޫ ބަޓަފްލައި ފިލްމްސްގެ ނަމުގައި އަމިއްލަ ފިލްމު ކުންފުންޏެއް އުފައްދާފައިވާ ބަތަލާ ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމަކީ "ދޯ ޕައްތީ"އެވެ. މި ފިލްމުގެ ލީޑް ރޯލްތަކުން ފެންނާނީ ކްރިތީއާ އެކު ބަތަލާ ކާޖޮލްއެވެ.