15 Jul 2024, 10:23
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި ގެދޮރު ގެއްލިފައިވާ މީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ބޭނުންކުރަމުންދާ ޣައްޒާގެ ސްކޫލަކަށް އިސްރާއީލުން ހަމަލާދީފިއެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނީ އެ ހަމަލާގައި 15 މީހުން ޝަހީދުކޮށްލައިފައިވާ ކަމަށެވެ. މި ފަހަރުގެ ހަމަލާ އަމާޒުކުރީ ޣައްޒާގެ މެދުތެރޭގައި ހުންނަ ނުސައިރަތު ކޭމްޕްގައި އދ. އިން ހިންގާ އަބޫ އަރުބާން ސްކޫލަށެވެ. މިއީ މިދިޔަ އަށް ދުވަހުގެ ތެރޭގައި މިހެން ބޭނުންކުރާ ސްކޫލްތަކަށް ދިން ފަސް ވަނަ ހަމަލައެވެ.
ސިވިލް ޑިފެންސް އޭޖެންސީގެ ތަރުޖަމާނު މުޙައްމަދު ބައްސާލު ބުނީ އަބު އަރުބާން ސްކޫލަކީ ގެދޮރު ގެއްލިފައިވާ އެތައް ބަޔަކު ހިޔާވަހިކަން ހޯދައިގެންތިބި ސްކޫލެއް ކަމަށެވެ. އަދި އެ ހަމަލާގައި ގިނައިން ޝަހީދުވެފައި ވަނީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ.
އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އުދުވާނުގައި ނުސައިރަތު ކޭމްޕްގައި ހުރި އެހެން ދެ ސްކޫލަކަށް ވެސް މީގެކުރިން ވަނީ ހަމަލާ އަމާޒުކޮށްފައެވެ.
އިސްރާއީލުން މި ފަހަރު ވެސް ބުނީ ހަމަލާ ދިނީ އދ.ގެ ރެފިއުޖީ އެޖެންސީ ޔޫއެންއާރްޑަބްލިޔުއޭ އިން ހިންގާ ސްކޫލްތަކުން ހިމާޔަތް ހޯދާ "ޓެރަރިސްޓުންނަށް" ކަމަށެވެ. މި ފަހަރު ހަމަލާ ދިން ސްކޫލަކީ ވެސް އިސްރާއީލަށް ހަމަލާދޭ މީހުން ފިލައިގެން އުޅޭ އަދި ހަމަލާތައް ރޭވުމަށް ވެސް ބޭނުންކުރާ ތަނެއް ކަމަށް އެ މީހުން ބުންޏެވެ.
ޖުލައި މަހުގެ ހަ ވަނަ ދުވަހު އިސްރާއީލުގެ މަތިންދާބޯޓުތައް ވަނީ ނޫސެއިރާތުގައި ޔޫއާރްޑަބްލިޔުއޭ އިން ހިންގާ ސްކޫލަށް ހަމަލާދީފައެވެ. ހަމަލާދިންއިރު، އެ ތަނުގައި 2000 އެއްހާ މީހުން ބޯހިޔާވަހިކަން ހޯދައިގެން ތިބި ކަމަށް ޔޫއެންއާރްޑަބްލިޔުއޭ އިން ބުނެއެވެ.
ޖެހިގެން އައި ދުވަހު އެ ސަރަހައްދުގެ އެހެން ސްކޫލަކަށް ވެސް ހަމަލާދީފައިވާ ކަމަށާއި އެ ހަމަލާގައި ހަތަރު މީހުން ޝަހީދުކޮށްލައިފައިވާ ކަމަށް ސިވިލް ޑިފެންސް އޭޖެންސީން ބުނެއެވެ.
އިސްރާއީލުން ބުނާ ގޮތުގައި ހަމާސް އިން އަންނަނީ ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި އެ ނޫން ވެސް އާންމު ތަންތަން އަސްކަރީ ހަރަކާތްތަކަށް ބޭނުންކުރަމުންނެވެ. ނަމަވެސް ހަމާސް އިން އެކަން ދޮގުކުރެއެވެ.
ޔޫއެންއާރްޑަބްލިޔުއޭ އަކީ ޣައްޒާއަށް އެހީ ފޯރުކޮށްދޭ މައިގަނޑު އޭޖެންސީއެވެ. ނަމަވެސް އެ އޭޖެންސީން ޚިދުމަތް ފޯރުކޮށްދިނުމަށް ހަދާފައިވާ ފެސިލިޓީތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ތަންތަނަށް އެއް ފަހަރަށްވުރެ ގިނަ ފަހަރު އިސްރާއީލުން ވަނީ ހަމަލާދީފައެވެ.