15 Jul 2024, 09:37
"ހެނދުނާއި ހަވީރު އަދި ފަރުޟު ނަމާދުގެ ފަހުގައި ކިޔެވޭ ޒިކުރުތަކަކީ ސިހުރާއި އެސްފީނާ ވަސްވާސް އަދި ނަފްސާނީ ބަލިތަކުން ރައްކާތެރިކޮށްދޭ އެއްޗެކެވެ. ގެއްލުމެއް ދިމާވެއްޖެނަަމަ އެގެއްލުން ކުޑަކޮށްދެއެވެ. ހިތްދަތިކަމާއި ހިތާމަތައްވެސް މެއެވެ. ވީމާ ޒިކުރުމަތީގައި އަބަދުވެސް ތިމާގެ ނަފުސް ހިފަހައްޓާށެވެ."
***
"މާޒް ވަރަށް ހުން ގަދަ......ނޭނގޭ ކިހިނެއް ކަމެއް ވެސް ހަދަންވީ...ވާހަކަ އެއްވެސް ނުދައްކާ...މިހާ ހުން ގަދަ ވީމަ ކަންނޭނގެ..." އުރުޖުވާން އަވަސް ވެގަތީ ފަހަދް އަށް ގުޅުމަށެވެ. މިވަގުތު އުރުޖުވާން އިނީ ގޮތް ހުސްވެފައެވެ. މާޒިމް ވާހަކަ އެއް ނުދައްކާތާ ހުރީ ގެއްލި ހުއްޓުން އަރާފައެވެ. ޑޮކްޓަރަކަށް ނޫނީ ފަރުވާ އަވަހަށް ދިނުމަށް ނޭނގޭނެ އޭ ހިތާ ގުޅާލީ ފަހްދު އަށެވެ. މިއޮތް ފަދަ ވިއްސާރައިގައި ހޮސްޕިޓަލަށް ދާންވެސް އެހާ ވަގުތު ނަގާނެއެވެ. ސަބީހާ މަރުވި ދުވަހުގެ ހަނދާން އުރުޖުވާން ސިކުނޑީގައި ކުޅެވެމުން ދިޔައެވެ. ފަހަދް އަށް ގުޅަން އިންދާ މާޒިމް ގެ ގައިން ވަރު ދޫވެ އުރުޖުވާން އުނގުމައްޗަށް މާޒިމް ވެއްޓުނެވެ. އަހްމަދު ވެސް ހަދާނެ ގޮތެއް ނޭނގި މާޒިމް ގެ ކޯތާފަތުގައި އަތުން ތަޅަމުން ގެންދިޔައެވެ.
އުރުޖުވާން އަށް ފޯނުން ވާހަކަ ދައްކަން އުނދަގޫ ވުމުން އަހްމަދު ފަހަދް އަށް ކަންތައް ވީގޮތް އޮޅުން ފިލުވާދިނެވެ.
" މާޒް.....ސުބުޙާނައްﷲ މިއީ ކޮން ފަދަ އިމްތިހާނެއް..." އުރުޖުވާން އަށް ރޮވެމުން ދިޔައެވެ. ހަބަރު ހުސްވފައި އޮތް މާޒިމް އަށް ގޮވަމުން ދިޔައެވެ. އަހްމަދު ގެނައި ތެތް ފޮތިގަނޑުން މީހާ ގައިގައި ހުރި ހުން ފިނި ވެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ގުޅިތާ ފަސް މިނިޓްވެސް ނުވަނީސް ފަހަދް އައުމުން އުރުޖުވާންގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ.
" މާ ހުން ގަދަ ވީމަ އެފަދަ ގޮތެއް ވެދާނެ....އައިވީ އެއް އަޅަން ޖެހޭނީ....މިހާރު ހޮސްޕިޓަލުން ނަރުހެއް ވެސް އެބަ އާދޭ..." ފަހަދް ގެ ލޯ ހުއްޓިފައި ހުރީ ހުއްޓުމެއް ނެތި ރޮމުން ގެންދިޔަ އުރުޖުވާން އަށެވެ.
" އައިމް ސޮރީ....އަހަރެން...." މާޒިމް ކުކުރާލިއެވެ. އެވަގުތު އުރުޖުވާން މާޒިމް ގެ އަތުގައި ހިފައި ދައްކަމުން ދިޔަ ވާހަކަ އެހާ ސާފު ނުވާތީ މާޒިމް ގެ މޫނާއި ކަންފަތް ކައިރި ކުރިއެވެ.
" ފަރަހް....ނޭނގޭ ކިހިނެއް ކަމެއް....އައިމް ސޮރީ އުރޫޖް...." އުރުޖުވާން ގެ ކަންފަތަށް ސާފުކޮށް އެ ވާހަކަ ތައް އަޑުއިވުމުން ގައިން ހީބިހި ނަގައިދިޔައެވެ. ނަގަންވީ ކޮން މާނައެއް ކަން ނޭނގިފައި ހުރެވުނީ ހުއްޓުން އަރާފައެވެ.
"ދަރިފުޅާ...މާޒް ކީކޭތަ ކިޔަނީ...ކަމެއް ދިމާވީތަ؟" އަހްމަދު ސުވާލުކުރިއެވެ. ފަހަދް އަށް އުރުޖުވާން ގެ މޫނުމަތި ކިޔާލެވުނުހެން ހީވިއެވެ.
" މިގޮތައް ހުން އައީމަ ހަމަނުޖެހޭ ވާހަކވެސް ދެއްކޭނެ...އެހާ އަޅާލާ އެއްޗެއް ނޫން....އެއޮތް އައީ ކަންނޭނގޭ....." ފަހަދް އަވަހަށް ދޮރު ހުލުވުމަށް އަވަސް ވެލީ އައިވީ ހިފަިއގެން އައި ނަރުސް ކަމަށް ހިތާއެވެ. ދޮރުމަތީ ހުރީ ފަރަހް އެވެ. ފަހަދް ކޮށްޕާލަމުން ދޮރުން ވަދެގެން އައީ އަމިއްލަ ގެހެން ހީވާފަދަގޮތަކަށެވެ. ނަރުސް ކުއްޖާ ފަހަތުން ވަދެގެން އައީ ފަހަދް ކައިރިން މާފަށް އެދެމުންނެވެ. ފަހަދް އަށް ކަން ވިގޮތް ސިފަވިއެވެ. ހޮސްޕިޓަލަށް ގުލުމުން ފަރަހް އަށް ވެސް ހަބަރު ލިބުނުކަން ވިސްނައިގަނެވުނެވެ
" ކިހިނެއްވީ މާޒް އަށް؟ވަޓް ޑިޑް ޔޫ ޑޫ ޓު ހިމް...." ފަރަހް ރޮއެގަތެވެ. އުރުޖުވާން ކަމެއް ކުރިހެން ހީވާ ސިފައެއްގައި އިނގިލި ދިއްކޮށްލީ އުރުޖުވާން އާއި ދިމާއަށެވެ.
" ފަރަހް ހަމަޖެހިބަލަ....." އަހްމަދު ހަރުކަށިކަމާއެކު ބުނެލިއެވެ.
" ފަރަހް ކީއްކުރަން އައީ؟ޔޫ ޑޯންޓް ނީޑް ޓު ބީ ހިއަ...." ފަރަހް ގެ އަތުގައި ބާރަށް ހިފަހައްޓާފައި އެއްކައިރި ކޮށްލީ ދަތްތަކަށް ބާރުލަމުންނެވެ. ފަހަދް ގެ ލޯ ރަތް ވެފައިވީ ރުޅިންނެވެ. ފަރަހް އަތްފޮޅުވާލާފައި ޝަހާދަތް އިނގިލި ދިއްކޮށްލަމުން ފަހަދް އަށް އިންޒާރު ދިނެވެ.
" ފަހަދް އާއި ބެހޭ ކަމެއް ނޫން....މާޒް ގެ ކޮންމެ ކަމަކީ އަހަންނާއި ބެހެވޭނެ ކަމެއް....އެހެން ނޫނަސް ހީ ވޯޒް އޯލް ފައިން މިއަދު ހަވީރު....." ފަހު ޖުމްލަ ބުނެލީ އުރުޖުވާން ގެ ކަންފަތަށް އިއްވާލުމުގެ ގަސްތުގައެވެ. އުރުޖުވާން ގެ އެސްފިޔަތައް ކަރުނުން ބަރުވިއެވެ. ފަރަހް ދެކެ ރުޅިއައިސް އެއްޗެކޭ ބުނަން އެތައް ހާސް ފަހަރަކު ހިތް ބުނި ނަމަވެސް އޭނާ އަށް މުހިންމީ މާޒިމް ހެޔޮ ހާލުގައި ވުމެވެ. ފަރަހް އެ ދެއްކި ވާހަކަ އަށް ބީރު ކަންފަތެއް ދިނީ ކަމަށް ހަދައިލިއެވެ.
" ޔޫ ނީޑް ޓު ގޯ ހޯމް...ފަރަހް....މާޒިމް އަށް މިވަގުތު ބޭނުންވާނީ އުރުޖުވާން....ހިސް ވައިފް އެންޑް ޝީ އިޒް ދެއަ ފޯ ހިމް...." އަހްމަދު ލޯ އަޅައިލީ ވަރަށް ނުރުހުންތެރިކަމާއެކުއެވެ. ފަރަހް ގެ ނިޔަތް ސާފު ނޫންކަން އަހްމަދަށް ވެސް ވިސްނައިގަނެވުނެވެ. ފަރަހް އިތުރަށް ވާހަކަ ގިނަ ކޮށްފާނެ ކަމަށްޓަކައި ފަހަދް އޭނާ އަތުގައި ހިފަމުން ދަމަމުން ކަހަލަ ގޮތަކަށް ބޭރަށް ގެންދިޔައެވެ. އެވަގުތު ވާރޭ ވެހުން ވެސް ތުނި ކޮށްލައިފިއެވެ. ފަރަހް ގަދަ ހަދަމުން ދިޔައީ އަތުން ދޫކުރުމަށް އެދިއެވެ.
" ފަހަދް މޮޔަވީތަ....ކިހާ ދެރަ ކަމެއް..." ފަރަހް ރުޅި ގަދަ ވިއެވެ. ފަހަދް އަށް ކެތްނުކުރެވި ފަރަހް ގެ މޫނަށް އަތް އިސްކުރެވުނެވެ. ފަރަހް ހުރީ ހައިރާން ވެފައެވެ.
" ޔޫ ވިލް ރިގްރެޓް އިޓް....ފޯ ޝުއަ...." ބިންމައްޗަށް ވެއްޓިފައި އޮތް ފަރަހް ތެދުވެލިއެވެ. ފަރަހް ދެއްކި ވާހަކަ އަކަށް ބެލުމެއް ނެތި ފަހަދް އެނބުރުނެވެ. މިވަގުތު ފަރަހް ގެ މޫނު ދެކޭކަކަށް ވެސް އޭނާ ބޭނުމެއްނުވިއެވެ. އުރުޖުވާން ފަދަ މައުސޫމު ކުއްޖެއްގެ ދިރިއުޅުން ފަރަހް ފަދަ ހިތް ނުބައި މީހެއްގެ ފަރާތުން ހަލާކުވެދިޔުމަށް ފަހަދް ނޭދެނީއެވެ.
***
ދުނިޔޭގެ ހުރިހާ ބުރައެއް އެ ކޮނޑުގައި އެޅިފައި ވީހެން ހީވަމުން ދިޔަ ކެނާން ހިނގަމުން ދިޔައީ މިސްރާބެއް ނެތިއެވެ. ފުނި ޖެހިފައިވީ ހިޔާލުތަކުން ފިލަން ދުވާނެ ހިނގާނެ މަގެއް ނޭނގިފައެވެ. ލަންޑަން ގެ ހަލަބޮލި ހައިޑް ޕާކު ތެރޭގެ އެކި ދިމަ ދިމާގައި މީހުން އެއްވެފައި ތިބި މަންޒަރަށް ލޯ ހުއްޓުނެވެ. އެއީ ސްޕީކާސް ކޯނާއެވެ. އެތައް އަޑުތަކެއްގެ ތެރެއިން އެއް ޝޭޚަކަށް ކެނާންއަށް ހުއްޓެވެ. އޭނާގެ އަޑު ސާފުވެފައި ޔަޤީންކަމާއި ހިތްގައިމު ކަމެއް ވިއެވެ. އެމީހާގެ ލަފުޒުތަކަކީ ދެބަސްވެވެން ނެތް ބަސްތަކެކެވެ. އޭނާގެ ބަސްތައް އާދަޔާ ޚިލާފު ސާފުކަމަކާއެކު ގުގުމަމުން ދިޔަހެން ހީވިއެވެ. ކެނާން ޝައުގުވެރިވީވަރުން ބަހުސް އަޑުއަހަން ގާތަށް ޖެހިލިއެވެ. މެދު އުމުރުގެ ފިރިހެނަކު ވާހަކަ ދައްކަމުން ދިޔައީ ދިރިއުޅުމުގައި ބެލެންސް ހޯދުމުގެ މުހިންމުކަމާއި ސްޓްރެސްއިން އަރައިގަތުމުގައި ވިސްނުމުގެ ބާރާއި ބެހޭ ގޮތުންނެވެ.
"ބައެއް މީހުން ދުނިޔެ ދެކެ ނަފްރަތު ކުރަނީ ދުނިޔޭގައި ދިމާވާ ދަތި ތަކާއި ކުރިމަތިލާން ޖެހޭތީ އެކަމާއި މާޔޫސްވެ. އެމީހުންގެ މުޅި ވިސްނުން ހުންނަނީ އެންމެ ކަމަކަށް.....ދުނިޔޭގެ އުފާ ފާގަތިކަމަށް....އެންމެންވެސް ބަލަނީ ތިމާގެ ދުނިޔަވީ މާދަމައަށް....އާޚިރަތެއް ވާކަން ނޭނގި އެކަމަށް މަސައްކަތް ކުރުމެއް ނެތި.....ދުނިޔޭގެ އުފާ ހޯދުމުގައި ކިތައް މީހުންގެ ހަޔާތް ތޯ ބަނަވެގެން އަނދަވަޅަކަށް ވެއްޓެން ޖެހެނީ.... މި ދުނިޔެއަކީ ހިއްމަތާއި މިންނަތުން މަސައްކަތް ކޮށް، މާޔޫސް ކަމާއި ބަރުހެލިކަމާއި ކުރިމަތިލާން އޮތް ތަން.....ހައްޤު މަގުގައި ސާބިތުވެ ތިބި މުސްލިމުންނަށް ދުނިޔޭގެ އިމްތިހާނު އަދި މާ އުނދަގޫ ވާނެ.....އެ ފަދަ މުސީބާތް ތަކަކީ އެ މުސްލިމެއްގެ ހިތުގެ ފިނިކަން....ޝަކުވާއެއް ކުރުމެއް ނެތި ކެތްތެރިކަމާއެކު މާތް ﷲ އަށް ވަކީލު ކޮށް އާޚިރަތުގެ ގޮވަތި ގެރެންޓީ ވުމަށް އޮތް ރަނުގެ ފުރުސަތެއް...." އެ ޝޭޚުގެ އަޑުގައިވީ ހަމަހިމޭންކަން ކެނާންގެ ކަންފަތަށް ފޮނި މާމުއި އޮއްސައިލުމެކޭ ތަފާތެއް ނެތެވެ.
"أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ"
"މީސްތަކުން ތިމަންމެން އީމާން ވެއްޖައީމުއޭ ބުނުމުން، އެއުރެން އިމްތިޙާނު ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟"
﴿3﴾ وَلَقَدْ فَتَنَّا الَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ اللَّهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِين
"އަދި ހަމަކަށަވަރުން، އެއުރެންގެ ކުރީގެ (އުއްމަތްތަކުގެ) މީހުން، ތިމަންރަސްކަލާނގެ އިމްތިޙާނު ކުރެއްވީމެވެ. ފަހެ (އީމާންކަމުގައި) ތެދުވެރިވި މީހުން، ހަމަކަށަވަރުން، ﷲ ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން، ދޮގުވެރިންވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ."
ކެނާން އަށް ކިޔާލެވުނީ އަންކަބޫތު ސޫރަތުގެ ދެވަނަ އާޔަތާއި ތިން ވަނަ އާޔަތެވެ. ހަލަބޮލި މާހައުލުގައިވި ހުރިހާ އެންމެންގެ ނަޒަރު ހުއްޓުނީ ކެނާން އަށެވެ.
" ސުބްޙާނައްﷲ.....ﷲ ތިބާ އަށް ހެޔޮ ރަޙްމަތް ލައްވާށި.....ތި އާޔަތަކީ ހަމަ މި ބަސްކޮޅަށް އެންމެ ބާރުދޭ އެއް ދަލީލު...." ޝޭޚު ގެ ލޯ ދިއްލުނެވެ. އެވަގުތު ކެނާންގެ މޫނު ރަތް ވިއެވެ. އޭނާ އަށް އެ އާޔަތް ކިޔާލެވުނީ ބާރުކޮށް ކަން ދަނެގެނެވުނީ ދެނެވެ. ލަދުގަނެފައި ހުރެ އަވަހަށް އެނެމެންގެ ލޯ މަތިން ގެއްލެން ބޭނުންވެފައި ހުރި ކެނާން އަވަސް ފިޔަވަޅުތަކުގައި ދާން އުޅުމުން މީހެއް އޭނާގެ ޖެކެޓުގައި ހިފާ ދަމާލިއެވެ.
" ބްރަދަ....ތިހާ ފަސޭހައިން ދާން ނަހަދާ....މިއީ ވެސް ﷲ ގެ މަގުގައި އަޖުރު ލިބުން ބޮޑު ކަމެއް...ހެޔޮ ކަންތަކަށް އަވަސް ވެގަތުމަކީ ބުއްދިވެރީންގެ ސިފަ...." ކެނާން ގެ ކޮނޑުގައި އަތް ބާއްވާލައިގެން ހުރީ ދެންމެ ވާހަކަ ދައްކަމުން ގެންދިޔަ ޝޭޚެވެ.
" އަހަރެންމި އީ ޢިލްމުވެރިއެއް ނޫން....." ކެނާން އިސްޖަހާލައިގެން ހުރެ ވާހަކަ ދެއްކީ ލަދުގެންފައި ހުރެއެވެ.
" މާދަން ރޭ 8 ކަށް.....މި ކްލާހަށް އައުމަށް ދަޢުވަތު ދެން..." ޝޭއިޚް ގެ ޖީބުން ނަގައި ދިއްކޮށްލީ ކާޑެކެވެ.
ނުނިމޭ