ޖުމްހޫރީ ޕާޓީ އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނެރޭނެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އާންމުންގެ ބަޔަކު ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރުމަށް އެ ޕާޓީ އޮފީގައި ރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވިދާޅުވީ މެނިފެސްޓޯ އެކުލާލުމުގެ ޓެކްނިކަލް މަސައްކަތްތައް ފައްޓައިގެން ކުރިއަށްދާ ކަމަށެވެ.

ޑީޑީ ވިދާޅުވީ އެ ޕާޓީގެ މެނިފެސްޓޯ އެކުލަވާލުމުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރޭގައި ތައުމީލީ ގާބިލް ބޭފުޅުންތަކެއް ހިމެނޭ ކަމަށާއި އޭގެ ތެރޭގައި ކުރީގެ ވަޒިރުކަން ކުރައްވާފައިވާ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިިދާޅުވި އެވެ.

"އެ މަސައްކަތްކުރައް ވަނީ ވެސް އެކަމުގެ ތަޖުރިބާ ހުރި ގާބިލް ބޭފުޅުން. އޭގެ ތެރޭގައި ކުރީގައި ވަޒީރުކަން ކުރައްވާފައި ތިއްބެވި މާސްޓާ ލެވެލްގެ ބޭފުޅުން ތިއްބެވިކަން އަޅުގަނޑު އުފަލާ އެކު ފާހަގަ ކުރަން،" ނަމަވެސް ކޮން ދުވަސްވަރެއްގައި ވަޒީރުކަން ކުރައްވާފައިވާ ބޭފުޅުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އޭނާ ވިދާޅުވީ މެނިފެސްޓޯ އެކުލަވާލުމުގެ ކުރިން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް އަތޮޅުތަކަށް ދަތުރުތަކެއް، ޕާޓީން ކުރާނެ ކަމަށެވެ.

"ރައްޔިތުންގެ ވިންދާއި ރައްޔިތުންގެ ފިކުރު އޭގައި (މެނިފެސްޓޯގައި) ހިމެނުމަށް ހއ. ތުރާކުނުން ފެށިގެން އައްޑުއާ ހަމައަށް އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން ދަތުރުތަކެއް ވެސް ފެށުމަށް ވަނީ ރޭވިފައި،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޕާޓީގެ ކެބިނެޓެއް އެކުލަވާލުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް ޑީޑީ ވިދާޅުވި އެވެ.

ރޭ ބޭއްވި ރަސްމިޔާތުގައި ގިނަ ޒުވާނުންތަކެއް ޖުމްހޫރީ ޕާޓީ އަށް ސޮއި ކޮށްފައިވާ އިރު ޑީޑީ ވިދާޅުވީ އަލަށް އެ ޕާޓީ އަށް 250 މީހުން ގުޅިފައިވާ ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުބައެއް މެންބަރުންނާއި ރަށް ރަށުގެ ކައުންސިލްތަކުން އެ ޕާޓީއާ ގުޅުމުގެ ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.