ފިލްމު "ބަންޓީ އޯރު ބަބްލީ2"އިން 2021ވަނަ އަހަރު ފިލްމު އިންޑަސްޓްރީއަށް ނުކުތް ޒުވާން ބަތަލާ ޝަރުވަރީއަކީ މިހާރު އާ މޫނެއް ނޫނެވެ.

ބަތަލާ ރާނީ މުކަރުޖީ އަދި ސައިފް އަލީ ޚާނާއެކު ޔަޝް ރާޖް ބެނާގެ ދިދައިގެ ހިޔަލުގައި ހުރެގެން ޝަރުވަރީ ފިލްމީ ދާއިރާއަށް ތަޢާރަފްވި ނަމަވެސް ދެ އަހަރު ވަންދެން އޭނާގެ ފިލްމެއް ރިލީޒް ވެފައެއް ނެތެވެ. އެހެންވެ ގިނަ ބަޔަކު އުއްމީދު ކުރީ ފިލްމީ ބެކްގްރައުންޑަކާ ނުލައި އިންޑަސްޓްރީއަށް ނުކުތް ޝަރުވަރީގެ ތަރި އޮއްސުނީ ކަމަށެވެ.

އެހެންނަމަވެސް ބެލުންތެރިންނަށް ޝަރުވަރީ ދައްކުވައިދިނީ މުޅިން ތަފާތު މަންޒަރެކެވެ. ފިލްމު އިންޑަސްޓްރީގެ އެންމެ ނުފޫޒު ގަދަ ފިލްމު ކުންފުނިތަކާ ޕްރޮޑިއުސަރުންނާއެކު ޝަރުވަރީ މަސައްކަތް ކުރި މަންޒަރާއެކު ފިލްމީ އާއިލާއަކަށް ނިސްބަތް ނުވިޔަސް އަމިއްލަ ހިތްވަރުން މި ދާއިރާގައި ކުރި ހޯދޭނެކަން ޒުވާން ބަތަލާ ވަނީ ސާބިތުކޮށްދީފައެވެ.

ޝަރުވަރީ ފިލްމު "ވެދާ"ގެ ކްރޫއިންނާ އެކު--ފޮޓޯ/ފިލްމުފެއަ

މަގުބޫލު ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ މެޑްޑޮކް ފިލްމްސްގެ ސުޕަނޭޗުރަލް ކޮމެޑީ ހޮރޯ ފިލްމު "މުންޖިޔާ"އިން ޝަރުވަރީ ދައްކުވައިދިން ހުށަހެޅުމާ އެކު އޭނާ އަކީ އުޖާލާ ކުރިމަގެއް ފިލްމު އިންޑަސްޓްރީގައި އޮތް މީހެއްކަން ވަނީ ސާބިތުކޮށްދީފައެވެ.

ކެރިއަރުގެ ފުރަތަމަ ފިލްމުން ލިބުނު ފުރަތަމަ ފިލްމުފެއަ އެވޯޑާ އެކު ދެން ބަތަލާ ފެނުނީ ބޮޑު ތިން ފިލްމަކަށް ސޮއިކުރި ތަނެވެ.

އޭގެތެރެއިން ވައިއާރު އެފްގެ ފިލްމު "މަހާރާޖް" ރިލީޒްކޮށްފައި ވާއިރު ބަތަލާ އަންނަނީ ސްޕައި ޔުނިވާސްއިން އުފައްދާ ފިލްމު "އަލްފާ" އަދި އެކްޓަރު ޖޯން އަބްރަހަމް ލީޑް ރޯލް ކުޅޭ ފިލްމު "ވެދާ"ގެ މަސައްކަތް ކުރަމުންނެވެ.

ވައިއާރްއެފްގެ ސްޕައި ޔުނިވާސްއިން އުފައްދާ ފިލްމު "އަލްފާ"އަކީ ދެ ބަތަލާއިން ލީޑް ރޯލްއިން ފެންނާނެ ފުރަތަމަ ސްޕައި ތުރިލާ ފިލްމެވެ.

އިންޑިއާގެ މަރާތީ އާއިލާއަކަށް ނިސްބަތްވާ ޝަރުވަރީގެ އާއިލާ އަކީ އިންޑިއާގެ ސިޔާސީ ދާއިރާއާ ގުޅިފައިވާ އާއިލާއެކެވެ. ފިލްމުތަކުން ފުރުސަތު ލިބުމުގެ ކުރިން ޝަރުވަރީ ވަނީ ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީ އަދި މަގުބޫލު ޑައިރެކްޓަރު ލަވް ރަންޖަންއާ އެކު އެސިސްޓެންޓު ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.