15 Jul 2024, 09:02
ލަންޑަންގައި ކުރިއަށްދާ ވިމްބަލްޑަން ޗެމްޕިއަންޝިޕްސްގެ ފިރިހެން ސިންގަލްސް އިވެންޓްގެ ތަށި މި މުބާރާތުގައި ތިންވަނައަށް ސީޑު ކުރެވިފައިވި ސްޕެއިންގެ ކާލޯސް އަލްކަރާޒް ދިފާއުކޮށްފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން އަލްކަރާޒް ހޯދީ ސެންޓާ ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި މި މުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ ސާބިއާގެ ނޯވަކް ޖޯކޮވިޗް އާއި ބައްދަލުކުރި މެޗު ސިދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ.
މިދިޔަ އަހަރުގެ ފައިނަލްގައި ވެސް ވާދަކުރި މި ދެކުޅުންތެރިންގެ ކުރިމަތިލުން މިދިޔަ ފަހަރެކޭ އެއްގޮތަށް ވަރަށް ފޯރިގަދަކޮށް އެހާމެ މޮޅު ކުޅުމެއް ދެ ކުޅުންތެރިންގެ ފަރާތުން ފެނިގެން ދާނެކަމަށް ބެލެވުނެވެ. ނަމަވެސް މިފަހަރު އަލްކަރާޒް ފެނިގެންދިޔައީ ޖޯކޮވިޗަށްވުރެ ވަރުގަދަ ކޮށެވެ.
މިގޮތުން ފުރަތަމަ ދެސެޓު އަލްކަރާޒް ވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ހައެއް ދެއެއް އަދި ހައެއް ދެއަކުން ކާމިޔާބު ކޮށްފައެވެ. މި ދެ ސެޓުގައި އަލްކަރާޒްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް ޖޯކޮވިޗްގެ ފަރާތުން މިދެ ސެޓުގައި އޭނާގެ އެންމެ މޮޅު ކުޅުން ފެންނަ ގޮތެއް ނުވިއެވެ.
ތިންވަނަ ސެޓުގައި ދެކުޅުންތެރިންގެ ފަރާތުން ވަނީ ތަންކޮޅެއް ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައެވެ. ނަމަވެސް މި ސެޓުގައި ވެސް ހަތަރެއް ހަތަރަކުން ދެ ކުޅުންތެރިން އެއްވަރުވެފައިވަނިކޮށް ޖޯކޮވިޗްގެ ސާވިސް ބްރޭކްވެ އަލްކަރާޒްއަށް ފަހެއް ހަތަރަކުން ކުރި ލިބި ޗެމްޕިއަންޗިޕަށް ސާވް ކުރުމުގެ ފުރުސަތު ލިބުނެވެ.
އަދި މި ގޭމްގައި ވެސް އޭނާ 40 ސުމަކުން ކުރި ހޯދާ ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަށް ތިން ފުރުސަތު ލިބިގެންދިޔަ ނަމަވެސް އެހާ ހިސާބުން އަލްކަރާޒަށް ކޮންމެވެސް ވަރަކަށް ހާސްވެ ހެދުނު ގޯސްތަކުގެ ނަތީޖާއަކަށްވީ ޖޯކޮވިޗުން އަލްކަރާޒްގެ ސާވް ބްރޭކްކޮށް ފަހެއް ފަހަކުން އެއްވަރުކުރުމެވެ.
އަދި ޖެހިގެން އައި ގޭމް ކާމިޔާބުކޮށް ފަހެއް ހަޔަކުން ކުރި ހޯދުމެވެ. މިސެޓު އެންމެ ފަހުން ޓައި ބްރޭކަކަށް ގޮސް އަލްކަރާޒް އެންމެ ފަހުން ކުރި ހޯދީ ހަތެއް ހަތަރަކުންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އަލްކަރާޒް ހާމަކުރިގޮތުގައި ވިމްބަލްޑަން ކާމިޔާބު ކުރުމަކީ ޓެނިސް ކުޅޭ ކޮންމެ ކުޅުންތެރިއަކު ވެސް ދެކޭނެ ހުވަފެނެކެވެ. އަދި އެކަން އޭނާ އުމުރުން 11 އަހަރުގައި ދިން އިންޓަވިއުއެއްގައި ވެސް ހާމަކޮށްފައިވާނެ ކަމަށް ބުންޏެވެ.
މީގެއިތުރުން އަލްކަރާޒް ވަނީ ފްރެންޗް އޯޕަންގައި ލިބުނު އަނިޔާއަށްފަހު ކުރި އޮޕަރޭޝަނުން އެނބުރި އައިސް މިމުބާރާތުގައި ޖޯކޮވިޗް ދެއްކި ކުޅުމަށް ތައުރީފްކޮށްފައެވެ.
މި ފަހަރުގެ ކާމިޔާބީއާއެކު އަލްކަރާޒް މި ވަނީ ވިމްބަލްޑަންގެ ތަށި ދިފާއުކުރި ނުވަ ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.