މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ރޯދަމަހާ ދިމާކޮށް އިންސްޓޯލްމަންޓަށް މުދާ ދޫކުރާ ހިދުމަތެއް ތައާރަފްކޮށްފި އެވެ.

އެކުންފުނީގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ރަހުމަތުﷲ އަބްދުލްފައްތާހު މިއަދު ވިދާޅުވީ އެހިދުމަތަކީ ރޯދަމަހު ގޭތެރެއަށް ބޭނުންވާ ސާމާނާއި އަދި ދިރިއުޅުމުގެ ކޮންމެހެން ބޭނުންވާ ނަމަވެސް ފައިސާނެތުމުން ނުހޯދި ފައިހުރިތަކެތި ހޯދައިދިނުމުގެ ފަސޭހަ ފުރުސަތެއް ހޯދައިދިނުމަށްޓަކައި ތައާރަފްކުރި ހިދުމަތެއް ކަމަށެވެ.

"އެހިދުމަތުގެ ސަބަބުން މާލޭގެ މިހިރަ ބޮޑެތި ހުރިހާ ފިހާރަތަކުން ތަކެތި އިންސްޓޯލްމަނަޓަށް ގަނެދެން. އޭގެތެރެއިން އަޅުގަނޑުމެން ގަނެދޭނީ ފަރުނީޗަރާއި ގޭތެރޭގައި ބޭނުންވާ އެހެނިހެން ހިފާގެންގުޅޭ ސާމާނު" ރަހުމަތުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހިދުމަތް ދެވޭނީ އެބެންކުގައި އެކައުންޓެއް އޮތް ފަރާތަކަށް ކަމަށާއި އަދި އެފަރާތަކީ ވަޒީފާއެއްގައި އުޅޭފަރާތަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ އެބެންކުން ތަކެތި ދޫކުރާނީ އެމުދަލެއް ބެންކުންގަނެ ފައިދާއަށް 12 ޕަސެންޓުގެ ލައިފައި ކަމަށާއި ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތަކީ ހަ މަސް ދުވަހާއި 11 މަސްދުވަސް ކަމަށެވެ.

"އެ ބޭނުންވާ މުދަލަކުން މަހަކު އިންސްޓޯލްމަންޓަށް ބެންކަށް ދައްކަންޖެހޭ އަދަދަކީ އޭނާގެ މުސާރާގެ 30 ޕަސެންޓަށްވުރެ ދަށްއަދަދަކަށް ވާނަމަ އޭނާއަށް އެއެޗެއް ގަނެދެވޭނެ.. އަދި ކޮންމެ މީހަކަށްވެސް ދުކުރެވޭނީ އެއްލައްކަ ރުފިޔާގެ މުދާ،" ރަހުމަތުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާންމުންގެ ތަރުހީބު ލިބޭގޮތަކަށް ބަލައި އެހިދުމަތް ފުޅާ ކުރަން މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

އިސްލާމިކް ބެންކުން ވަނީ މީގެ ކުރިންވެސް އިންސްޓޯލްމަންޓަށް ސައިކަލް ދޫކުރާ ހިދުމަތެއް ތައާރަފްކޮށް ފައެވެ. އަދި އެހިދުމަތަށް ވަނީ އާންމުންގެ ބޮޑު ތަރުހީބެއްވެސް ލިބިފައެވެ.