ޖަޕާނުގެ ޓެކްނޮލޮޖީ ބޮޑު ކުންފުންޏެއް ކަމަށްވާ ސޮފްޓްބޭންކުން އިނގިރޭސިވިލާތުގެ އޭއައި ޗިޕް ފަރުމާކުރާ ކުންފުންޏެއް ކަމަށްވާ ގްރާފްކޯ ގަނެފިއެވެ.

މި މުޢާމަލާތުގެ އަގު ހާމަކޮށްފައި ނުވިނަމަވެސް، ސޮފްޓް ބޭންކުން ގްރާފްކޯ ގަތީ 2020 ވަނަ އަހަރު ގްރާފްކޯގެ އަގު ކަމަށް ބެލެވުނު ދެ ބިލިއަން ޕައުންޑަށްވުރެ މާ ދަށް އަގެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބްރިސްޓަލްގައި ހެޑްކުއާޓަރު ހުންނަ ގްރާފްކޯ އަކީ އެއްދުވަސްވަރެއްގައި އޭއައި ޗިޕް ދާއިރާގައި އެންވީޑިއާގެ ވާދަވެރިއެއްގެ ގޮތުގައި ބެލެވުނު ކުންފުންޏެކެވެ. ނަމަވެސް 2020 ވަނަ އަހަރުން ފެށިގެން ވިޔާފަރި ދަށަށް ދިއުމާއެކު 2022ގައި އެ ކުންފުނީގެ ބައެއް ބޭރުގެ އޮފީސްތައް ބަންދުކުރަން ޖެހުނެވެ.

މި ސަބަބުތަކާހުރެ ސޮފްޓްބޭންކުން ގްރާފްކޯ ގަތުމަކީ ކުންފުންޏަށް ބޭނުންވާ ފައިސާ ލިބި، އޭއައި ސިނާޢަތުގައި ވާދަކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމެއް ކަމަށް ބައެއް ތަޙްލީލުވެރިން ދެކެއެވެ.

މި މުޢާމަލާތާ ގުޅިގެން އިނގިރޭސިވިލާތުގެ ސައިންސް ސެކްރެޓަރީ ވިދާޅުވެފައިވަނީ މިއީ ގްރާފްކޯއަށް ދިމާވެފައިވާ ޔަޤީންކަން ނެތް ޙާލަތަށް ރަނގަޅު ނިމުމެއް ގެނެސްދޭ ކަމެއް ކަމަށެވެ.

އެހެންނަމަވެސް، އިނގިރޭސިވިލާތަކީ ވިޔަފާރިތައް ކުރިއަރުވަން އެކަށީގެންވާ ތަނަކަށް ހެދުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މުޢާމަލާތާއެކު އޭއައި ޗިޕް މާކެޓުގައި ބޮޑެތި ކުންފުނިތަކާ ވާދަކުރެވޭ ފަދަ ކުންފުނިތައް އުފެއްދުމުގެ ޤާބިލުކަން އިނގިރޭސިވިލާތުގައި ހުރިތޯ ސުވާލު އުފެދިފައިވެއެވެ.

އަދި ޓެކްނޮލޮޖީ ކުންފުނިތަކުގެ ލިސްޓްގައި ބައިނަލްއަޤްވާމީ މަރުކަޒަކަށްވުމުގެ ލަންޑަނުގެ އުއްމީދުތަކަށް އިތުރު ހުރަހެއް ކަމަށް ވެސް ބައެއް ފަރާތްތަކުން މި މުޢާމަލާތް ދެކެއެވެ.