14 Jul 2024, 19:24
މަޖިލީހުގެ މައިނޯރިޓީ ޕާޓީ އެމްޑިޕީގެ ހައްގުތަކަށް ހިމާޔަތްކޮށްދިނުމަށް އެދި އެޕާޓީގެ ލީޑަޝިޕުން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
މަޖިލީހުގެ އިދާރާގައި ބޭއްވި މި ބައްދަލުވުމުގެ އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި، ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދާއި ތަރުޖަމާނު އަނަސް އަބްދުއްސައްތާރުގެ އިތުރުން ސެކެޓްރީ ޖެނެރަލް ޝާޒްލީ ޝަފީގް ބައިވެރިވެފައިވެއެވެ.
އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، އެ ބައްދަލުވުމުގައި އެޕާޓީގެ ހައްގުތައް ހިމާޔަތްކޮށް، ވީހާވެސް ފުޅާކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ކަށަވަރުކޮށްދިނުމަށް އަބްދުއްރަހީމްގެ ކިބައިން ފައްޔާޒް އެދިވަޑައިގެންނެވި ކަމަށެވެ.
މީގެއިތުރުން، މަޖިލީހުގެ މަސައްކަތް ކުރިއަށްދާއިރު، 18 ވަނަ މަޖިލީހުގެ ކަންކަން ހިނގައިދިޔަ ގޮތަށް ކަންކަން ދިއުމުގެ ފުރުސަތު ނުދެއްވުމަށް އެ ޕާޓީގެ ފަރާތުން އިލްތިމާސްކުރި ކަމަށް އެމްޑީޕީން ބުންޏެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސްގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އަހްމަދު ފަލާހު ވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.