14 Jul 2024, 19:06
ނިމިދިޔަ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ޒިފްލީނާ ހަސަން، އަގުބޮޑު ފްލެޓެއް ބައްލަވައިގަތީ ނަހަމަގޮތުގައި ހޯދި ފައިސާއިން ކަމަށް ތުހުމަތުކުރާ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.
ހުޅުމާލެއިން 3.5 މިލިއަން ރުފިޔާއަށް ޒިފްލީނާ ފްލެޓެއް ބައްލައިގަން ކަމަށް ބުނެ ސޯޝަލްމީޑިއާގައި ވަނީ ވޭތުވެދިޔަ ތިން ދުވަހު ވާހަކަތައް ދައުރުވެފައެވެ. އަދި އޭނާ އެ ފައިސާ ހޯދީ ކިހިނެތްތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނަރު އަޙުމަދު ޝިފާން 'ސަން'އަށް ވިދާޅުވީ، ކުރީގެ ސްޓޭޓް މިނިސްޓަރަކާއި ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިގޮތުން، ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ އިހުތިސާސް އޮންނަނީ އޭސިސީއަށް ކަމަށްވާތީ އެ މައްސަލަ ފުލުހުން އޭސީސީއަށް ފޮނުވާފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން : ޒިފްލީންގެ ފްލެޓް މައްސަލަ ޕޮލިހުން ވަނީ އޭސީސީއަށް ފޮނުވައިފަ -- ފޮޓޯ/ އޭސީސީ
އިއްޔެ ޒިފްލީނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލޭގައި ހުރި އެޕާޓްމަންޓު ބިލްޑިންގް އަކުން އެޕާޓްމަންޓެއް ގަތީ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ދެއްވުމުގެ ކުރިން ކަމަށާއި އެ މަގާމާ ހަވާލުވެ ރައީސް އޮފީހަށް ހުށަހެޅި އެސެޓް ޑިކްލަރޭޝަން ފޯމުގައި އެ އެޕާޓްމަންޓުގެ މައުލޫމާތު ހިމަނާފައިވާނެ ކަމަށެވެ.
އޭގެއިތުރުން، މި މަހުގެ އަށްވަނަ ދުވަހު އޭނާގެ ނަމަށް އެޕާޓްމަންޓު ބަދަލުކޮށް، އެ ކޭސް ނިންމާފައި ވަނީ އިމާރާތްކުރި ފަރާތާއި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން ކުރަން ޖެހޭ އިދާރީ ކަންކަން ނިންމުމަށް ފަހުގައި ކަމަށް އޭނާ ލިޔެފައިވެއެވެ.
އެ ޕޯސްޓުގައި ވަނީ، އެޕާޓްމަންޓުގައި ދިރިއުޅެމުން އަންނަތާ ހަތަރު އަހަރު ވެފައިވާ ކަމަށެވެ.
"އެޕާޓްމަންޓް އަޅުގަނޑު ހޯދާފައިވަނީ އަޅުގަނޑަށް ސްޓޭޓް މިނިސްޓަރެއްގެ މަޤާމު ލިބުނު ފަހުން ކަމުގައި ޝައްކު އުފެދޭ ގޮތަށް މައުލޫމާތު ފަތުރާފައި ވާތީއާއި، އަދި އެއްވެސް ނޫހަކުން މައުލޫމާތު ހޯދުމަށް ގުޅާލުމެއްވެސް ނެތި ކަމުގައިވާތީ ހިތާމަކުރަން"
ޒިފްލީނާ ހަސަން
ފާހަގަކޮށްލެވޭ ގޮތުގައި، ޒިފްލީނާ ވަނީ ސްޓޭޓް މިނިސްޓަރު ކަމުގެ އިތުރުން އެމްޑީޕީގެ ބައެއް މަގާމުތައް ވެސް އަދާކުރައްވާފައެވެ.