14 Jul 2024, 18:45
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން މިހާތަނަށް 2،013 ބިދޭސީން ޑީޕޯޓުކޮށްފި ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީއާއި ފުލުހުން އަދި މިގްރޭޝަން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝައްމާން ވިދާޅުވީ އެއީ މިދިޔަ އަހަރުގެ ނޮވެންބަރު 17އިން ފެށިގެން މިމަހުގެ 11 އާ ހަމައަށް ބިދޭސީން ޑީޕޯޓު ކޮށްފައިވާ އަދަދު ކަމަށެވެ.
އެގޮތުން ޑީޕޯޓްކޮށްފައިވާ ބިދޭސީންގެ ތެރޭގައި ސީރިއަސް މައްސަލަތަކުގައި ހިމެނޭ މީހުން ވެސް ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ ހަފްތާއިން ފެށިގެން ފުދޭވަރަކަށް ފުޅާ ދާއިރާއެއްގަ އަޅުގަނޑުމެންގެ އޮޕަރޭޝަން އެބަ ގެންދަން ކުރިއަށް. މި އޮޕަރޭޝަންތައް ޚާއްސަ ކުރެވިފައި ވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ރާއްޖޭގައި އަމިއްލަ ވިޔަފާރި ކުރާ ފަރާތްތަކާ އަމިއްލައަށް ދިވެއްސަކާ ނުގުޅި މި ވިޔަފާރީގައި އިންވޯލްވެގެންދާ ފަރާތްތައް،ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން އިއްޔެގެ ނިޔަލަށް 112 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ވާކަމަށް މިއަދު އިމިގްރޭޝަނުން ވަނީ 'ސަން' އަށް މައުލޫމާތު ދީފައެވެ.
އަދި މިހާރު ކުރަނީ އެ މީހުން ފުރުވާލުމަށް ބޭނުންވާ ލިޔެކިޔުންތައް ހަމަކުރުމުގެ މަސައްކަތް ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
މިކަމާ ގުޅިގެން ޝައްމާން މިއަދު ވިދާޅުވީ، މިފަދައިން ބެލުމުގެ ދަށަށް ގެނެވޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދީ އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށެވެ.
ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރުމުގައި ބިދޭސީން ހަރަކާތްތެރިވާއިރު، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ވެސް ރާއްޖޭގައި ގިނައެވެ. އަދި، ބިދޭސީންގެ ބެލުމުގެ ދަށުން އެކި ކަހަލަ ވިޔަފާރިތައް ވެސް ހިންގައެވެ.
ހޯމް މިނިސްޓްރީން އަންނަނީ ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކުރަން ވެސް ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ.