14 Jul 2024, 18:19
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ޚާއްސަކޮށް 'ނެޝަނަލް މައިގްރޭންޓް ވޯކާސް ޑޯމަޓްރީޒް' އަޅަން މެލޭޝިއާގެ ކުންފުންޏަކުން ހުށަހެޅި ޕްރޮޕޯސަލުގައި މާލެ ސަރަޙައްދުގައި 100،000 އެކޮމޮޑޭޝަން ބްލޮކް އަޅަން ހުށަހަޅާފައި ވާކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ އަލްޓައިޒް ޑިޖިޓަލްއިން މި ޕްރޮޕޯސަލް ހުށަހަޅާފައި ވަނީ މާޗު މަހުގެ އެކެއްގައެވެ.
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މި ޕްރޮޕޯސަލަށް އެއްބަސްވުމަށް އިކޮނޮމިކް ކައުންސިލުން މަޝްވަރާތައް ކުރިކަމަށެވެ. އަދި މިހާރުވެސް އެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އިހުސާން ވިދާޅުވިއެވެ.
އިހުސާން ފާހަގަކުރެއްވި ގޮތުގައި އެ ޕްރޮޕޯސަލަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މިހާރު އުޅެމުންދާ ތަންތަނަށް ވުރެ ރަނގަޅު ފެންވަރުގެ އެކޮމަޑޭޝަންތަކެއް އެޅުމަށް ހުށަހަޅާފައިވާ، ވަރަށް ރަނގަޅު ޕްރޮޕޯސަލެކެވެ.
އިހުސާން ވިދާޅުވީ އެ ޕްރޮޕޯސަލްގައި ވަނީ މާލޭ ސަރަހައްދުގައި 100،000 އެކޮމަޑޭޝަން ބްލޮކް އެޅުމަށް ކަމަށެވެ. އެއީ ހުޅުމާލެ ފޭސް އެކަކާއި ފޭސް ދޭއްގެ އިތުރުން މާލެ އަދި ތިލަފުށީގައެވެ. އެގޮތުން:
ހުޅުމާލެ ފޭސް އެކެއްގައި 20،000 ބްލޮކް
- ފޭސް ދޭއްގައި 20،000 ބްލޮކް
- ތިލަފުށީގައި 20،000 ބްލޮކް
- މާލޭގައި 40،000 ބްލޮކް
އިހުސާން ވިދާޅުވީ އެންމެ ފުރަތަމަ ޕްރޮޕޯސަލް ހުށަހެޅީ މި ބްލޮކްތަކުގައި ދިރިއުޅޭ ބިދޭސީންގެ އަތުން ކޮންމެ މަހަކު 120 ޑޮލަރު ނެގުމަށް ކަމަށެވެ. ނަމަވެސް، އިތުރަށް ކުރި މަޝްވަރާތަކުން އެ އަދަދު 100 ޑޮލަރަށް ކުޑަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް މި ފައިސާ ދާނީ މަސައްކަތް ކުރާ ކުންފުންޏަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޕްރޮޕޯސަލް ހުށަހެޅި އިރު މި އިންނަނީ 120 ޑޮލަރު ޗާޖުކޮށްފަ އޭގެ ތެރެއިން ފަސް ޑޮލަރު ދިވެހި ސަރުކާރަށް ދޭން. އޭގެ ތެރެއިން 115 ޑޮލަރޭ އެބޭފުޅުންނަށް އިންނާނީ. މި ޓާމްސްތަކަކީ އަދި އަޅުގަނޑުމެން އެގްރީވެފައި އޮތް ޓާމްތަކެއް ނޫން. މިއީ އަދި އެމީހުންނާއެކީ ނެގޯޝިއޭޓްކުރަމުންދާ ޓާމްތަކެއް. މީގެ ބޭނުމަކީ ސަރުކާރަށް މާލީ މަންފާ ހޯދުމެއް ނޫން. ސަރުކާރުގެ ބޭނުމަކީ ރާއްޖެއަށް ގެންނަ ލޭބަރުން ރަނގަޅު ފެންވަރުގެ ތަންތަނުގައި އެކޮމޮޑޭޝަން ހަމަޖެހިގެން ދިޔުން،ހޯމް މިނިސްޓަރު އަލީ އިހުސާން

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ބިދޭސީންގެ އެކޮމޮޑޭޝަން ޕްރޮޕޯސަލްގައި ވަނީ މާލެ ސަރަޙައްދުގައި 100،000 ބްލޮކް އަޅާނެ ކަމަށް -- ފޮޓޯ/ އިސްމާއިލް އަބްދުލްޣަފޫރު
އިހުސާން ވިދާޅުވީ މި ޕްރޮޕޯސަލް އިވެލުއޭޓް ކުރަން އިންވެސްޓް މޯލްޑިވްސްއަށް 13 މޭގައި ފޮނުވާފައިވާނެ ކަމަށެވެ. އަދި އެއީ ރަނގަޅު ފައިދާ ހުރި ޕްރޮޕޯސަލެއް ކަމަށް މިދިޔަ މަހުގެ ނުވައެއްގައި ރައީސް އޮފީހަށް އަންގާފައިވާ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
މީގެ އިތުރުން އިކޮނޮމިކް ކައުންސިލުން ވެސް ލަފާދިނީ އެ ޕްރޮޕޯސަލަށް އެއްބަސްވާން ކަމަށާއި، އެއްބަސްވުމަކަށް ދިއުމަށް އެ ކުންފުނިން ހުށަހަޅާ ޝަރުތުތައް ހުށަހެޅުމަށް މިހާރު އަންގާފައިވާނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
އަޅުގަނޑުމެންނެއް ކޮމިޓްމަންޓެއް ވެސް ނުއެއް ދެން، އެއްބަސްވުމެއްގައި ސޮއެއް ވެސް ނުކުރޭ. އަދި އަޅުގަނޑުމެންނަށް ފައިނަލް އަދަދުތަކަށް ވެސް ރީޗެއް ނުވެވޭ. އެއްބަސްވުމުގައި ސޮއިކުރުމާ މެދު ގޮތެއް ނިންމާނީ، އިކޮނޮމިކް ކައުންސިލަށް ހުށަހަޅައި އެ ކައުންސިލުން ނިންމާ ގޮތެއްގެ މައްޗަށް،ހޯމް މިނިސްޓަރު އަލީ އިހުސާން
އަލްޓައިޒް އިން ހުށަހަޅާފައިވާ ޕްރޮޕޯސަލް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓްރީން ވަނީ ނޫސްވެރިންނަށް ދައްކާލާފައެވެ.
އޭގައި ވާގޮތުން މި އެކޮމޮޑޭޝަން ބްލޮކްތަކުގައި ކްލިނިކް، އޭޓީއެމް، މުނިފޫހިފިލުވާ ތަންތަން، ބަދިގެ، ކާނެ ތަންތަން، މިސްކިތް، ފިހާރަ، ބޯކޮށާ ތަންތަން ފަދަ ޒަރޫރީ ޚިދުމަތްތައް ލިބެން ހުރެއެވެ.
މި ބްލޮކްތައް އަޅަން ބިން ދޫކުރާ ތާރީޚުން ފެށިގެން 30 އަހަރު ދުވަހަށް އެ ކުންފުންޏަށް ބިން ލިބޭނެއެވެ. އަދި އެ މުއްދަތު ނިމުމާ އެކު، އޮޓަމެޓިކުން އިތުރު 30 އަހަރު އެތަންތަން ހިންގޭނެއެވެ.