14 Jul 2024, 19:00
ގްލޯބަލް އޯގަނައިޒޭޝަން އޮފް ޕާލިމަންޓޭރިއަންސް އެގެއިންސްޓް ކޮރަޕްޝަން (ގޯޕެކް) އަދި އިންޓާ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ރާއްޖެ ގޮފީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން މިއަދު އިންތިޚާބުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން ހާމަކުރި ގޮތުގައި، ގޯޕެކް ކޮމިޓީއަށް މިއަދު ވަނީ ހަތް މެންބަރުން އައްޔަން ކޮށްފައެވެ. މިގޮތުން، އެ ކޮމިޓީގެ ޗެއާގެ މަގާމަށް މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އައްޔަން ކުރައްވާފައިވާއިރު، ކޮމިޓީގެ ވައިސް ޗެއާއަކަށް އައްޔަންކުރެއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ.
އޭގެއިތުރުން، މަޖިލީހުން ބުނީ، ގޯޕެކް ކޮމިޓީގެ ޓްރެޝަރާ އަކަށް އައްޔަންކުރެއްވީ މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ކަމަށެވެ. ސެކެޓްރީއަކަށް އިންތިޚާބު ކޮށްފައި ވަނީ މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކުއެވެ.

އައިޕީޔޫ ރާއްޖެ ގޮފީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން އިންތިޚާބުކުރުން ---- ފޮޓޯ/ މަޖިލިސް
ގޯޕެކް ކޮމިޓީގެ މެންބަރުންނަށް އިންތިޚާބު ކޮށްފައިވަނީ ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ފަޒީލްގެ އިތުރުން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ގޯޕެކްއަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށާއި ހެޔޮވެރިކަމެއް ހަރުދަނާ ކުރުމަށާއި ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރާ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މަޖިލިސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރައްވަމުން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު "ސަން"އަށް ވިދާޅުވީ ގޯޕެކް ރާއްޖޭ ގޮފީގެ ކޮމިޓީގެ އިތުރުން އައިޕީޔޫ ރާއްޖެ ގޮފީގެ ކޮމިޓީއަށް ވެސް މެންބަރުން އިންތިޚާބު ކޮށްފައިވާ ކަމަށެވެ.

ގޯޕެކް ރާއްޖެ ގޮފީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން އިންތިޚާބު ކުރުމުގެ ތެރެއިން ---- ފޮޓޯ/ މަޖިލިސް
އައިޕީޔޫ އަށް އައްޔަން ކުރި މެންބަރުންނާއި މަގާމުތައް:
ކޮމިޓީގެ ރައީސް: މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ
- ކޮމިޓީ ނައިބު ރައީސް: މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް
- ޓްރެޝަރާ: މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް
- މެންބަރު: މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ
- މެންބަރު: މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް
- މެންބަރު: މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު
- މެންބަރު: ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް
- މެންބަރު: މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު

އައިޕީޔޫ ރާއްޖެ ގޮފީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން އިންތިޚާބުކުރުން ---- ފޮޓޯ/ މަޖިލިސް
އިތުރަށް ޒިޔާއު ވިދާޅުވީ ދެ ކޮމިޓީއަށް މެންބަރު އިންތިޚާބު ކުރީ ހާޒިރުވި މެންބަރުންގެ ވޯޓުން ކަމަށެވެ.
އެއާއެކު، އައިޕީޔޫއައި އަކީ މިނިވަން ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ މައްޗަށް އެކުލެވިގެންވާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. އެގޮތުން، އައިޕީޔޫއައި އުފެދިފައި ވަނީ 1889 ވަނަ އަހަރުއެވެ.