ސ. ހިތަދޫގައި މިދިޔަ އަންގާރަ ދުވަހު ގުރޫޕަކުން ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލި ބަންގްލަދޭޝްގެ މީހާގެ މައްސަލައިގައި އެރަށުގަައި އުޅޭ ބަންގްލަދޭޝްގެ ބަޔަކު އައްޑޫ ސިޓީ ކައުންސިލް ކައިރިއަށް އެެއްވެ ހަޅުތާލުކޮށްފި އެވެ.

އެރަށުން ވާހަކަދެއްކި މީހަކު މިއަދު ބުނީ އެހަމަލާގައި ޒަހަމްވި ބިދޭސީ މީހާ މަސައްކަތް ކުރަމުން ދިޔަ ސެކިއުރިޓީ ކުންފުނީގައި އުޅޭ ބަގްލަދޭޝްގެ ގިނަ ބަޔަކު ވަނީ އެމީހާއަށް ހަމަލާދިން މައްސަލަ ކުއްވެރިކޮށް މިއަދު ހެނދުނު ހިތަދޫ ބޮޑު މަގުގައި ހިނގާލުމަށް ފަހު ސިޓީ ކައުންސިލްގެ ކުރިމައްޗަށް އެއްވެ ނުރުހުން ފާޅުކޮށްފައި ކަމަށެވެ. އަދި އެމީހުން އައްޑޫ ސިޓީގެ މޭޔަރު ސޯބެއާ ބައްދަލުކޮށް ދިނުމަށާއި އަދި އެ މައްސަލަ އަވަސްކޮށް ދިނުމަށް ޑިމާންޑް ކުރަމުން ދިޔަ ކަމަށްވެސް އޭނާ ބުންޏެވެ.

"އެމީހުން ނުރުހުން ފާޅުކުރަމުން ދިޔައީ، ބަންގްލަދޭޝްގެ މީހާއަށް ހަމަލާދިން މައްސަލާގައި، އެމީހުން އެދެމުން ދިޔައީ އެމައްސަލަ އަވަށް ބަލައިިދިނުމަށް،" އެމީހާ ބުންޏެވެ.

އޭނާ އަދި ބުނީ އެމީހުން ސިޓީ ކައުންސިލް ކުރިމަތީ އަޑުގަދަ ކުރަން ފެށުމުން ހިތަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް އެމީހުން ގެންދިޔަ ކަމަށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއްވެގެން އުޅުނު މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެމީހުންގެ ޝަކުވާތައް އަޑު އެހުމަށް ކަމަށެވެ.

"އެމީހުން އެބަ ބުނޭ ބަންގްލަދޭޝްގެ މީހާއަށް ހަމަލާދިން މައްސަލަ ނުބަލާ އެހެން މައްސަލަތައް ބަލަނީއޭ، އެހެންވެ އެމީހުންނާ އެކަމާ ވާހަކަ ދެއްކުމަށް އެމީހުން ގެންދިޔައީ،" އޮފިޝަލް ވިދާޅުވި އެވެ.

ސަންރައިޒް ކިޔާ ސެކިއުރިޓީ ފާމްއެއްގެ ސުޕާވައިޒަރަކަށް އުޅުނު ބަންގްލަދޭޝް މީހާއަށް ހަމަލާދީފައިވަނީ މޫނު ނިވާކޮށްގެން ތިބި ބަޔެއް ކަމަށްވެ އެވެ. އަދި އެހާދިސާގައި އޭނާގެ ބޮލުގެ ހަތަރު ތަނަކަށާއި ގައިގެ އެތަން މިތަނަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީފަ އެވެ. އެހަމަލާއަކީ ފޭރުމުގެ ހާދިސާއެއް ކަމަށް ވެސް އެރަށުގެ ބައެއް މީހުން ތުހުމަތުކުރެ އެވެ.