17 Aug 2010, 11:16
16:15
އެލައިޑް އިންޝުއަރެންސުން ފުލުހުންނަށް ޚާއްޞަކޮށް ހަދާފައިވާ އިންޝުއަރެންސް ޕެކޭޖެއްގެ ދަށުން ފުލުހުންނަށް ބޭސްފަރުވާ ކުރެވޭ ގޮތަށް ހަމަޖައްސައި އެކަމާ ބެހޭ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. އިއްޔެ ހެނދުނު ފުލުހުންގެ މައި މަރުކަޒުގައި އޮތް ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ، ފުލުހުން ބުނި ގޮތުގައި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް އަޠީފް އެވެ. އަދި އެލައިޑް އިންޝުއަރެންސްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ މެނޭޖިން ޑިރެކްޓަރު ޢަބްދުލްވާޙިދު ތަޢުފީގެވެ.
މި އިންޝުއަރެންސް ސްކީމުގެ ދަށުން މާލޭގެ ބޮޑު ދެ ހޮސްޕިޓަލާއި ބައެއް ކްލިނިކްތަކުން ފުލުހުންނަށް "ކޭޝްލެސް" ކޮށް ބޭސް ކުރެވޭ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެލައިޑުން ދޫކުރާ ކާރޑް ބޭނުންކޮށްގެން ޝްރީލަންކާ އާއި އިންޑިއާ އަދި ތައިލޭންޑުން ފުލުހުންނަށް ބޭސްފަރުވާ ކުރެވޭގޮތަށް ވެސް ވަނީ ހަމަޖެހިފައިވާ ކަމަށް އެ ފަރާތުން ބުންޏެވެ.