14 Jul 2024, 17:35
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ 1.7 ބިލިއަން ރުފިޔާގެ ތެރެއިން، 74 މިލިއަން ރުފިޔާ މިދިޔަ މަހު ދައްކާފައިވާ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެއީ، ވަޒީފާދޭ 10،619 ފަރާތުގެ ނަންމަތީގައި ރަޖިސްޓަރީ ކޮށްފައިވާ 102،807 ބިދޭސީ މަސައްކަތްތެރީންގެ ޖުމްލަ ފީގެ އަގެވެ.
މީގެ ކުރިން މިނިސްޓްރީން ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ކުރިން، ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކަށް ގާނޫނުން ލާޒިމްކުރާ ހުރިހާ ފީތަކާއި ޖޫރިމަނާތައް ދައްކައި ޚަލާސްކުރުމަށް އަންގައިފައެވެ.

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އެ މިނިސްޓްރީން ބުނީ ބިދޭސީންގެ ހުއްދަތަކަށް ދައްކަން ޖެހޭ 1.7 ބިލިއަން ރުފިޔާއިން 74 މިލިއަން ދައްކައިފި ކަމަށް -- ފޮޓޯ/ އިސްމާއިލް އަބްދުލްޣަފޫރު
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހީމް ވިދާޅުވީ، ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް މިހާރު ލިބިފައިވާ 74 މިލިއަން ރުފިޔާއަކީ މިއަދުގެ ނިޔަލަށް ލިބިފައި ހުރި ފައިސާ ކަމަށެވެ.
ދައުލަތަށް ލިބެންޖެހޭ ފީގެ ގޮތުގައި، އަދި ފީއާ ގުޅިގެން ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުންނާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ހިމެނޭގޮތަށް އަޅުގަނޑުމެން ބެލިއިރު 1.7 މިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހޭ. މިދިޔަ އެއް މަސް ދުވަހުގެ ތެރޭގައި، މި ފައިސާގެ ތެރެއިން 74 މިލިއަން ރުފިޔާ މިހާރު ދައުލަތަށް ދައްކާފަވޭ،ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހީމް
މިއާއެކު ބިދޭސީންގެ ފީގެ ގޮތުގައި ބާކީ ދައުލަތަށް ދައްކަންޖެހޭ އަދަދަކީ 1.6 ބިލިއަން ރުފިޔާއެވެ.
ރާއްޖެއަށް ގަވާއިދާ ޚިލާފަށް ބިދޭސީން އެތެރެކުރުމާއި މަސައްކަތް ކުރުމުގެ މައްސަލަ ބޮޑުވެ، ސަރުކާރުން ވަނީ އެ މައްސަލަ ހައްލުކުރުމަށް ޓާސްކް ފޯހެއް އެކުލަވާލައިފައެވެ.
އެ ޓާސްކްފޯހުން ވަނީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި، ބައެއް މީހުން ފުރުވާލާފައިވެއެވެ. އޭގެ ތެރެއިން މިހާތަނަށް 2،013 ބިދޭސީއަކު ފުރުވާލާފައިވާ ކަމަށް މިއަދު އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ވަނީ ވިދާޅުވެފައެވެ.