ދެކުނު އެމެރިކާ ސަރަހައްދުގެ އެންމެ ގިނަ ޤައުމު ތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ކޮމެބޯލް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މިރޭ ފަތިހު އާޖެންޓީނާ އާއި ކޮލޮމްބިއާ ވާދަކުރާނެއެވެ.

މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއަށް ކާމިޔާބުކޮށް ތަށި ދިފާއު ކުރެވިއްޖެނަމަ އެޓީމަށް ކޮޕާ އެމެރިކާގެ ތާރިހުގައި އިތުރު ސޮފްހާއެއް ހުޅުވޭނެއެވެ. އެއީ 16 ފަހަރާއެކު އެންމެ ގިނަ ފަހަރު މިމުބާރާތް ކާމިޔާބު ކުރި ޓީމުގެ ލަގަބާއެކުއެވެ.

އާޖެންޓީނާއިން ސެމީފައިނަލްގައި ކެނެޑާ ދެ ލަނޑު ސުން ލަނޑުން ބަލިކޮށް ފައިނަލްގެ ޖާގައެއް ހޯދިއިރު ކޮލޮމްބިއާ ފައިނަލަށް ދަތުރު ކުރީ އުރުގުއާއީ އާއި ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްގެންނެވެ.

ދުނިޔޭގެ އިތުރުން ދެކުނު އެމެރިކާގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ މިހާތަނަށްވަނީ ކޮޕާ އެމެރިކާ 15 ފަހަރު ކާމިޔާބު ކޮށްފައެވެ. މިއަދަދަށް މުބާރާތް ކާމިޔާބު ކޮށްފައިވާ އަނެއް ޤައުމަކީ އުރުގުއާއީއެވެ. އެހެން ކަމުން މިރޭ ފަތިހުގެ މެޗު ކާމިޔާބު ކުރެވިއްޖެނަމަ އާޖެންޓީނާއަށް އެހެން ހުރިހާ ޓީމެއް މިމުބާރާތުގައި ފަހަތަށް ޖައްސާލާ މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި ފާހަގަ ކުރެވިގެންދާނެއެވެ.

ކޮލޮމްބިއާއަށް ބަލާއިރު އެޓީމަށް މިމުބާރާތް ކާމިޔާބު ކުރެވިފައިވަނި އެންމެ ފަހަރަކުއެވެ. އެއީ 2001 ވަނަ އަހަރު އަމިއްލަ ޤައުމުގައި ބޭއްވި މުބާރާތެކެވެ. އެފަހަރުގެ މުބާރާތުގައި ބައިވެރިވުމަށް އާޖެންޓީނާ ދެކޮޅު ހެދިއެވެ. ކޮލޮމްބިއާގެ ތާރީހުގައި އާޖެންޓީނާގެ މައްޗަށް ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ 1993 ވަނަ އަހަރު ފީފާ ވާލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާގެ ވެރިރަށް ބޮއިރަސް އައިރިސްގައި ކުޅެ ފަސް ލަނޑު ސުން ލަނޑުން މެޗު ކާމިޔާބު ކުރެވުމެވެ.

އެއީ އަމިއްލަ ފަސް ގަނޑުގައި އާޖެންޓީނާގެ ޤައުމީ ޓީމު ބަލިވި ފުރަތަމަ މެޗެވެ. އެމެޗު ކިތަންމެ މުހިންމު ވި ނަމަވެސް މިރޭ ފަތިހު އާޖެންޓީނާ ބަލިކުރެވިއްޖެނަމަ އެކަން އޭރަށްވުރެ އިތުރަށް ފާހަގަ ކުރެވޭނެކަމަށް ގަބޫލު ކުރެވެއެވެ.

ދެޓީމަށް ބަލާލާއިރު ދެޓީމުގައި ވެސް ތިބީ ތަޖުރިބާކާރު ދެ ކެޕްޓަނުންނެވެ. ކޮލޮމްބިއާގެ ކެޕްޓަން ހެމޭސް ރޮޑްރިގޭޒް އަކީ ކްލަބް ލެވެލްގައި މިހާރު މާ ފަހަގަ ކޮށްލެވޭ ކުޅުންތެރިޔަކަށް ނުވި ނަމަވެސް އޭނާގެ ވިދުން އަންނަނީ މިފަހަރުގެ މުބާރާތުގައި ގަދަވަމުންނެވެ. ވަރަށް ފުރިހަމައަށް އެކުލަވާލެވިފައިވާ ކޮލޮމްބިއާ ޓީމުގެ ކުރީ ސަފުގައި ހެމޭސްއަށް ވަނީ މިނިވަން ކަމާއެކު ކުޅުމުގެ ފުރުސަތު އެޓީމުގެ ކޯޗު ދީފައެވެ.

އަދި ޕެރަގުއާއީ އާއި ދެކޮޅަށް ކުޅުނު މެޗުގައި ދެނިއަލް މުނޯޒް ޖެހި ފުރަތަމަ ލަނޑު ޖެހުމަށްޓަކައި ހެމޭސް ތަނަވަސްކޮށްދިން ފުރުސަތުކީ މިފަހަރުގެ މުބާރާތުގައި އެންމެ ފާހަގަ ވެގެންދިޔަ އެއް ކަމެވެ. މިދިޔަ ހުކުރު ދުވަހު 33 އަހަރު ފުރުނު ހެމޭސް އަންނަނީ މިމުބާރާތުގައި އޭނާއަކީ އަދިވެސް އެންމެ މަތި ފެންވަރުގައި ކުޅެވިދާނެ ކުޅުންތެރިއެއްކަން ހާމަކޮށްދެމުންނެވެ.

ހެމޭސް މޮޅު ކުޅުމެއް ދައްކަމުންދާއިރު އާޖެންޓީނާގެ ކެޕްޓަން އަދި ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ލިއޮނެލް މެސީގެ ކެރިއަރުގައި އަދި ކިހާ ދުވަހެއް ބާކީ އޮތްތޯ އަންނަނީ ގިނަ ބަޔަކު ސުވާލު ކުރަމުންނެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މެސީ މިފަހަރުގެ މުބާރާތް ބަލަމުން އަންނަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އޭނާ އަށް ކުޅެވިދާނެތޯ ބެލުމުގެ އިމްތިހާނެއްގެ ގޮތުގައެވެ.

ނަމަވެސް ބުނެވޭނީ އެއިމްތިހާނުގެ ނަތީޖާ އަދި ފެންނަނީ އެހާ ރަނގަޅުކޮށެއް ނޫންކަމެވެ. ޤަތަރުގައި ބޭއްވި ވޯލްޑް ކަޕަށް ފަހު އޭނާގެ ކުޅުން ދައްވާން ފަށާފައިވާކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ. މިކަމުގެ ސަބަބުތައް ގިނައެވެ.

މިގޮތުން އަނިޔާ މިއީ އޭގެ އެންމެ ބޮޑު ދައުރެއް އަދާ ކުރާ އެއް ސަބަބެވެ. ފަހަކަށް އައިސް މެސީ އަނިޔާގައި ހޭދަކުރާ ދުވަސްތައް އަންނަނީ އިތުރު ވަމުންނެވެ. އަދި މިހާރު އުމުރުން 37 އަހަރު ވެފައިވުމުން ފިޒިކަލީވެސް އޭނާ ކުރިއެކޭ އެއްވަރަށް ފިޓެއް ނޫނެވެ. ނަމަވެސް އަދިވެސް މެސީ ވެގެންދާނީ އަނިޔާއިން ސަލާމަތްވެ ހުރެވިއްޖެނަމަ ދުނިޔޭގެ ފެންވަރުގައި އެންމެ ފާހަގަ ކޮށްލެވޭ އަދި އިދިކޮޅު ޓީމުތަކުން އެންމެ ޖެހިލުންވާނެ ކުޅުންތެރިޔާއަށް ކަމާމެދު ސުވާލެއް ނެތެވެ.

ގިނަ ތަޖުރިބާކާރުން ބުރަވާގޮތުގައި ކޮލޮމްބިއާ އާއި ދެކޮޅަށް އާޖެންޓީނާއަށް ގިނަ މައްސަލަ ތަކާއި ކުރިމަތިވުން ގާތެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށް އެފަރާތްތަކުން ފާހަގަ ކުރަނީ ކޮލޮމްބިއާއަކީ ވަރަށް ވަރުގަދަކޮށް ކުޅޭ އަދި ފާހަގަ ކޮށްލެވޭ މެދުތެރެއެއް އޮތް ޓީމަކަށް ވުމެވެ.

އާޖެންޓީނާއަށްވަނީ ކްއާޓާ ފައިނަލްގައި އެކުއެޑޯ އާއި ދެކޮޅަށްވެސް މިމައްސަލަ އާއި ކުރިމަތިލާން ޖެހިފައެވެ. އަދި އާޖެންޓީނާ ފާހަގަ ކުރެވިފައިވަނީ އާންމުކޮށް މެޗުގެ ފަހުވަގުތު ޑިފެންސް ޕްރެޝަރަށް ވެއްޓޭ ޓީމެއްގެގޮތުގައެވެ. މިކަން މިފަހަރުގެ ކޮޕާ މުބާރާތުގައި ވެސް ފާހަގަ ވިއެވެ. ނަމަވެސް އާޖެންޓީނާއިން އެޓީމުގެ މޮޅު ކުޅުން ދެއްކުމުގެ އިތުރުން މެސީ ފުރިހަމައަށް ފިޓްކޮށް ހުރެއްޖެނަމަ ކޮލޮމްބިއާއަށް ވެސް ވެގެންދާނީ މިމެޗު ވަރަށް އުނދަގޫ މެޗަކަށެވެ.

އެންމެ ފަހުން އުރުގުއާއީ އާއި ދެކޮޅަށް ކުޅުނު ސެމީފައިނަލްގެ ދެވަނަ ހާފު އެއްކޮށް އެޓީމު ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށް ކަމުން އެކަމުގެ ވަރުބަލިކަން ރަނގަޅަށް ފިލާފައިވޭތޯ މިއީ އުފެދޭ ސުވާލެކެވެ. އޭގެ ބަދަލުގައި އާޖެންޓީނާއަށް ވަނީ އަރާމު ކުރުމަށް އެއްދުވަސް އިތުރަށް ލިބިފައެވެ.

ދެން އޮތީ ބޮޑު ސުވާލެވެ. އެއީ މިއީ މެސީގެ ފަހު މުބާރާތަށް ވެދާނެތޯއެވެ. ގައިމުވެސް އާޖެންޓީނާގެ ތަޖުރިބާކާރު ދެ ކުޅުންތެރިންކަމުގައިވާ އެންޖެލް ޑި މާރިއާ އާއި ނިކޮލަސް އޮޓަމެންޑީ މިމުބާރާތަށްފަހު ޤައުމީ ޓީމަށް ކުޅުން ހުއްޓާލާނެކަން ވަނީ ހާމަވެފައެވެ. މެސީ ކަން ކުރާނެ ގޮތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް މިމެޗުން އާޖެންޓީނާ ބަލިވެއްޖެނަމަ މިއީ މެސީ ޤައުމީ ޓީމަށް ކުޅޭ ފަހު މުބާރާތަށްވުން ވަރަށް ގާތްކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ. ނަމަވެސް މިއީ އެހެން މީހުން ދެކޭގޮތެވެ. މެސީގެ ނިންމުން އެނގޭނީ މެޗަށްފަހުއެވެ.