14 Jul 2024, 18:12
އެމެރިކާގައި މިހާރު ކުރިއަށްދާ ކޮމެބޯލް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ތިންވަނަ މަގާމް އުރުގުއާއީ އިން ހޯދައިފިއެވެ.
މި މުބާރާތުގެ ތިންވަނަ މަގާމް އުރުގުއާއީ އިން ހޯދާފައިވަނީ ތިންވަނަ ހޮވުމަށް ޓަކައި ސެމީފައިނަލުން ބަލިވި އަނެއް ޓީމު ކަމުގައިވާ ކެނެޑާ އާއި ބައްދަލުކޮށް ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން ދެ ޓީމު އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން 3-4 ލަނޑުންނެވެ.
ޗާލޮޓްގެ ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ކެނެޑާއިންނެވެ. ނަމަވެސް މިމެޗުގެ ފެށުން ރަނގަޅުވީ އުރުގުއާއީގެއެވެ. އުރުގުއާއީއިން ވަނީ މެޗުގެ އަށްވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ.
މި ލަނޑު އެޓީމަށް ޖަހައިދިނީ ރޮޑްރިގޯ ބެންޓަކޫއެވެ. ނަމަވެސް އެއާއެކު ކެނެޑާއިން ހިތްވަރު އެލުވާނުލާ ކުޅުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ މެޗުގެ 22 ވަނަ މިނެޓުގައި އިސްމާއީލް ކޯނޭ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރި ތަނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް މި ހާފުގައި ލިބިގެންދިޔައެވެ.
މި މެޗުގެ ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ހަމަލާއަށް އިސްކަން ދީގެން ކުޅެމުންދިޔަ ތަނެވެ.
އަދި މެޗުގެ 80 ވަނަ މިނެޓުގައި ޖޮނަތަން ޑެވިޑް ކެނެޑާއަށް ލީޑު ނަގައިދިނުމާއެކު މިމެޗުން ކެނެޑާ މޮޅުވެދާނެކަމަށް ގިނަ ބަޔަކަށް ހީވެގެންދިޔައެވެ.
ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި މި މެޗުން އުރުގުއާއީ ސަލާމަތް ކޮށްދިނީ ދަނޑު މަތީ ކުޅެމުންދިޔަ އެންމެ ތަޖުރިބާ ކާރު ކުޅުންތެރިޔާގެ ގޮތުގައި ހުރި އުރުގުއާއީގެ ކެޕްޓަން ލުއިސް ސުވަރޭޒް ޖަހައިދިން ލަނޑުންނެވެ.
މި ލަނޑާއެކު ދެ ޓީމު 2-2 އިން އެއްވަރުވެ މެދުގެ ނަތީޖާ ނެރުމަށް ޓަކައި ޕެނަލްޓީއަށް ދާން ޖެހުނެވެ.
ޕެނަލްޓީ ޝޫޓް އައުޓްގައި ދެޓީމުން ޖެހި ފުރަތަމަ ދެ ޕެނަލްޓީ ދެޓީމުން ކާމިޔާބު ކުރި ނަމަވެސް ކެނެޑާގެ ތިންވަނަ ޕެނަލްޓީ ކޯނޭ ޖެހުމުން ވަނީ އުރުގުއާއީގެ ކީޕާ ސާޖިއޯ ރޮޗޭޓުވަނީ ދިފާއުކޮށްފައެވެ.
އަދި އުރުގުއާއީއިން ދެން ޖެހި ދެ ޕެނަލްޓީ ޖޯޖިއަން ޑި އަރަސްކައެޓާ އާއި ސުވަރޭޒް ކާމިޔާބު ކޮށްދިން އިރު ކެނެޑާގެ ފަސްވަނަ ޕެނަލްޓީވަނީ އަލްފަންސޯ ޑޭވިސް އަތުން ބޭރަށް ގޮސްފައެވެ.
އޭނާ ޖަހަން މަސައްކަތް ކުރި ޕަނެންކާ ޕެނަލްޓީ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފާ ނިކުތީ ބޭރަށެވެ. މިއާއެކު މިމެޗުން އުރުގުއާއީ އަށް ކާމިޔާބު ވެގެންދިޔައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އުރުގުއާއީގެ ކޯޗު މާސެއްލޯ ބިއެލްސާ ހާމަކުރިގޮތުގައި އޭނާގެ ޓީމު ޕެނަލްޓީއަށް ދިޔައީ ނަސީބަކުން ކަމަށެވެ. އަދި މުޅި މުބާރާތަށް ބަލާއިރު އޭނާ ބޭނުންވި ފެންވަރަށް އެޓީމަށް ނުކުލެވުނު ކަމަށްވެސް ބިއެލްސާ ހާމަކުރިއެވެ.
ކެނެޑާގެ ކޯޗު ޖެސީ މާޝްވަނީ އޭނާގެ ޓީމު މި މުބާރާތުގައި ދެއްކި ކުޅުމަށް ތައުރީފް ކޮށްފައެވެ. އަދި މިއީ 2026 ވަނަ އަހަރު އެމެރިކާ އާއި މެކްސިކޯ އާއެކު ކެނެޑާއިން ހޯސްޓް ކުރުމަށް ހަމަޖެހިފައިވާ ފީފާ ވާލްޑް ކަޕަށް ތައްޔާރުވެ ޓީމުގެ އަޖުމަ ބަލާލުމަށް ކެނެޑާއަށް ލިބިގެންދިޔަ ރަނގަޅު ފުރުސަތެއްގެ ގޮތުގައި އެޤައުމުން ދެކެއެވެ.
މާޝް ހާމަކުރުގޮތުގައި ކެނެޑާގައި އަދި އޮތީ ވަރަށް ޒުވާން ޓީމެއް ކަމަށާއި މިހާ ކުޑަ ދުވަސް ކޯލެއްގެ ތެރޭގައި އެންމެ ރަނގަޅު ޓީމެއް ނެރުމަކީ ވާނެ ކަމެއް ނޫންކަމަށެވެ.
އަދި މި މުބާރާތުގައި ކުޅުނު ގިނަ ޓީމު ތަކަކީ ވަރުގަދަ ޓީމު ތަކެއް ކަމަށް ވެސް އޭނާ ހާމަކުރިއެވެ. ކޮޕާ އެމެރިކާގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި ކޮލޮމްބިއާ ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ފަތިހު މައޭމީގެ ހާޑް ރޮކް ސްޓޭޑިއަމްގައެވެ.
މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން ފަތިހު ފަހެއް ޖަހާއިރުއެވެ.