14 Jul 2024, 14:22
ގަވާއިދާ ޚިލާފަށް އުޅޭ 112 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށާއި މިހާރު ކުރަނީ އެ ބިދޭސީން ފުރުވާލުމުގެ މަސައްކަތްތައް ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.
މިއީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން އިއްޔެގެ ނިޔަލަށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބިދޭސީންނެވެ.
"ސަން"އަށް މައުލޫމާތުދެމުން އިމިގްރޭޝަނުން ބުނީ، މިދިޔަ މަހުގެ 29 ވަނަ ދުވަހުން އިއްޔެގެ ނިޔަލަށް 112 ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި، މިހާރު ކުރަނީ އެ މީހުން ފުރުވާލުމަށް ބޭނުންވާ ލިޔެކިޔުންތައް ހަމަކުރުމުގެ މަސައްކަތް ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
މިހާތަނަށް އަތުލައިގަތް ބިދޭސީން:
- 29 ޖޫން: 69 ބިދޭސީން
- 3 ޖުލައި: 4 ބިދޭސީން
- 5 ޖުލައި: 8 ބިދޭސީން
- 7 ޖުލައި: 6 ބިދޭސީން
- 8 ޖުލައި: 8 ބިދޭސީން
- 9 ޖުލައި: 6 ބިދޭސީން
- 10 ޖުލައި: 5 ބިދޭސީން
- 13 ޖުލައި: 6 ބިދޭސީން
ގަވާއިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީންނަށް ވެސް ގާނޫނުގެ ދަށުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން އިމިގްރޭޝަނުން އަންނަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެ މަސައްކަތް ކުރަމުން އަންނައިރު 1،800 އަށްވުރެ ގިނަ ބިދޭސީންވަނީ ގައުމަށް ފޮނުވާލައިފައެވެ.
ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރުމުގައި ބިދޭސީން ހަރަކާތްތެރިވާއިރު، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ވެސް ރާއްޖޭގައި ގިނައެވެ. އަދި، ބިދޭސީންގެ ބެލުމުގެ ދަށުން އެކި ކަހަލަ ވިޔަފާރިތައް ވެސް ހިންގައެވެ.
ހޯމް މިނިސްޓްރީން އަންނަނީ ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކުރަން ވެސް ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ.