15 Jul 2024, 09:34
ޣައްޒާ (14 ޖުލައި 2024): ޣައްޒާގެ އަލްމާވާސީގައި ސަރަހައްދުގައި ރެފިއުޖީން ދިރިއުޅޭ ފޭލިގެތަކަށް އިސްރާއީލުގެ އެންމެ ގަދަފަދަ ފައިޓާ ޖެޓްތަކުން ހަމަލާދީ އިސްރާއީލުން އިއްޔެ ހިންގި ގަތުލު އާންމަކީ ހަނގުރާމައިގެ ޖަރީމާއެއްކަމަށާއި އެކަމުގެ ފަހަތުގައިވާ އިސްރާއީލުގެ ހުރިހާ މަސްއޫލުވެރިން ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހާޒިރު ކުރަންޖެހޭ ކަމަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ކުރީގެ ޕްރޮސެކިއުޓަރު ލުއިސް އޮކަމްބޯ ވިދާޅުވެއްޖެއެވެ.
އަލްޖަޒީރާއަށް ދެއްވި ބަޔާނެއްގައި އޮކަމްބޯ ވިދާޅުވީ އިސްރާއީލުން ޣައްޒާގައި އާންމުން މެރުމަށް ދުރާލައި ރާވައިގެން އެތައް ސަތޭކަ ގަތުލުއާންމެއް ހިންގައިފި ކަމަށާއި މިއިން އެއްވެސް ގަތުލުއާންމެއް ހުއްޓުވުމަށް ބައިނަލްއަގްވާމީ އިދާރާތަކަށް އެޅުނު ފިޔަވަޅެއް ނެތްކަމީ ދެރަކެއްކަމުގައެވެ.
ޣައްޒާގެ އަލްމާވާސީގައި ސަރަހައްދުގައި ރެފިއުޖީން ދިރިއުޅޭ ފޭލިގެތަކަށް އިސްރާއީލުގެ ވައިގެ ސިފައިން ދިން ގަދަފަދަ ހަމަލާތަކުގައި އާންމުންގެ 91 މީހަކު ޝަހީދުކޮށްލައި 250 އަށްވުރެ ގިނަ މީހުންވަނީ ޒަޚަމްކޮށްލާފައެވެ.
މި ހަމަލާދިނުމަށް އިސްރާއީލު ސިފައިންނަށް އަމުރުކުރި ކަމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫ ވަނީ އެއްބަސްވެފައެވެ. ބައިނަލްއަގްވާމީ ޖިނާއީ ކޯޓުންވަނީ ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ނެރެދިނުމަށް އެ ކޯޓުގެ ފަނޑިޔާރުގެ ކިބައިން އެދިފައެވެ. ނަމަވެސް މިހާތަނަށް އެ އަމުރު ނެރެފައެއް ނުވެއެވެ.
އަލްމާވާސީގައި ދިރިއުޅޭ ނިކަމެތި ރެފިއުޖީންގެ ބޮލަށް އިސްރާއީލުން ބޮންއަޅައި އޭގެތެރެއިން 91 މީހަކު ޝަހީދުކޮށް 250 އަށް ވުރެގިނަމީހުން ޒަޚަމްކޮށްލީ އެތަނުގައި ހަމާސްގެ އިސް ކޮމާންޑަރެއް ކަމަށްވާ މުހައްމަދުއްޟައިފް އުޅުއްވާކަމުގެ މައުލޫމާތު ލިބިގެން އޭނާ ޝަހީދުކޮށްލެވޭނެކަމުގެ އުންމީދުގައި ކަމަށްބުނެ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާވަނީ އޭނާ ހިންގި މި ގަތުލުއާންމުގެ ދިފާއުގައި ވާހަކަ ދައްކާފައެވެ.
ބައިނަލްއަގްވާމީ ގާނޫނު ބުނާގޮތުން ބޭނުންވާ މީހަކު މަރާލުމަށް ޓަކައި ވެސް އާންމުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ހަމަލާދިނުމަކީ ހަނގުރާމައިގެ ޖަރީމާއެކެވެ. އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލްތަކަށް ހަމަލާދީ އެ ތަންތަން ތަޅައި ސުންނާފަތި ކޮށްފައިވަނީ ވެސް އެ ތަންތަނުގެ އަޑީގައި ހަމާސްގެ ބިންގަރާސްތައް ހުރިކަމަށް ބުނެފައެވެ.
ނަމަވެސް ހޮސްޕިޓަލްތައް ގަބުރުސްތާނުތަކަށް ހެދުމަށްފަހު ވެސް އެ ތަންތަނުން އިސްރާއީލު އެބުނާ ބިންގަރާސްތައް ފެނިފައެއް ނުވެއެވެ. ނަމަވެސް އިސްރާއީލުގެ މަގްސަދުތައް ވަނީ ހާސިލް ކޮށްފައެވެ.
އެއީ ޣައްޒާގެ ރައްޔިތުން ގިނަ އަދަދަކަށް މަރައިގެން އެ މީހުންގެ ނަސްލު ނައްތާލުމެވެ. އަދި ހޮސްޕިޓަލްތައް ފުނޑާލައިގެން ޣައްޒާއަކީ މީހުންނަށް ދިރިނޫޅެވޭނެ ތަނަކަށް ހެދުމެވެ.
މި ކަންކުރުމުގައި އިސްރާއީލުވަނީ ކާމިޔާބު ހޯދާފައެވެ. ނަމަވެސް ހަމާސްގެ ލީޑަރުން ޝަހީދުކޮށްލެވިފައެއް ނުވެއެވެ. އަދި ބިންގަރާސްތައް ވެސް ހޯދިފައެއް ނުވެއެވެ. އަދި ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ ރަހީނުންވެސް މިނިވަން ކުރެވިފައެއް ނުވެއެވެ.
އިސްރާއީލުން އިއްޔެ ޣައްޒާގެ އަލްމާވާސީ ރެފިއުޖީ ސަރަހައްދަށް ދިން ހަމަލާގައި ހަމާސްގެ ކޮމާންޑަރު މުހައްމަދުއްޟައިފް ޝަހީދުވިކަން ނުވަތަ ނޫންކަން ނޭންގޭކަމަށް ނަތަންޔާހޫ ބުނެއެވެ.
ހަމާސްއިންވަނީ އެ ސަރަހައްދުގައި މުހައްމަދުއްޟައިފް ނޫޅުއްވާކަމަށް ބުނެފައެވެ. އަދި އިސްރާއީލުގެ ހަމަލާތަކުގެ އެއްވެސް އަސަރެއް ޟައިފް އަށް ކޮށްފައިނުވާކަމަށާ އޭނާ ގެންދަވަނީ އިސްރާއީލާ ދެކޮޅަށް ކުރާ ޖިހާދުގެ ހަރަކާތްތައް ކޮމާންޑު ކުރައްވަމުން ކަމަށް ހަމާސް އިން ބުނެއެވެ.
މަވާސީގެ މަންޒަރުތައް ސިފަކޮށްދިން އަލްޖަޒީރާގެ މުރާސިލުންނާއި އެ ސަރަހައްދުގެ ބައެއް ރެފިއުޖީންވަނީ އެ މުޅި ސަރަޙައްދުގައި އޮތީ ޝަހީދު ކޮށްލާފައިވާ މީހުންގެ ހަށިތަކާއި ހަށިގަނޑުގެ ބައިތަކާ އަދި ލޭގެ ކޯރުތައް ކަމުގައެވެ.
ރެފިއުޖީންގެ ފޮތި ފޭލިގެތައް ހުރި ބޮޑު ސަރަޙައްދެއް އެއްކޮށް ސުންނާފަތި ކޮށްލާފައިވާ އެ ތަނުން ފެންނަނީ ޝަހީދު ކޮށްލާފައިވާ އުމުރުން ދުވަސްވީ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިންނާއި މާބަނޑު މީހުންނާ އަދި ހަށިތައް ކުދިކުދިވެފައިވާ މީހުންގެ ބޮލާއި އަތްފައި ކަމަށް ވެސް އަލްޖަޒީރާ ބުނެއެވެ.
އިސްރާއީލުގެ ޓެރަރިޒަމަށް ވާގިވެރިވާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން މި ގަތުލުއާންމާމެދު ޗުއްޕު ވެސް ނުބުނެއެވެ. އަދި މިއީ ހިނގި ކަމެއްކަމަށް އެ ގައުމުތަކާއި ބީބީސީ އާއި ސީއެންއެން ފަދަ ޔަހޫދީން ކޮންޓްރޯލް ކުރާ ހުޅަނގުގެ މީޑިއާތައް ނުދަންނަ ކަހަލައެވެ.