20 Jun 2012, 11:57
އެއްވެ އުޅުމުގެމިނިވަން ކަމުގެ ބިލަކީ ވަކި އުސޫލެއްގެ ދަށުން މިންގަނޑު ތަރުތީބުވެގެން ދިއުމަށް ހުށައެޅި ބިލެއް ކަމަށް އެ ބިލު ހުށައެޅުއްވި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބިލުގެ އިބުތިދާއީ ބަހުސް މަރުހަލާގައި މިއަދު ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ބިލުގެ ސަބަބުން އެއްވެ އުޅުމަށް ލިބިދޭ ފުރުސަތުތަތަކާއި އެއްވެއުޅުމުގެ މިނިވަންކަން ތަންފީޒުކޮށްދޭ އިދާރަތާކާ އެއްވުންތަކާ ގުޅޭ ގޮތުން ފުލުހުން އަދާކުރަން ޖެހޭ ޒިންމާ އާއި ދައުރާއި އެއްވުންތައް ރޫޅާލުމަށް ބަލަން ޖެހޭ ގޮތްތަކާއި އެއްވުންތައް ރޫޅާލުމުގައާއި އަދި ހުއްދަ ނޫން ބާރެއް ބޭނުން ކުރި ނަމަވެސް ފަރުދަކަށް ނުހައްގުން އަނިޔާއެއް ވުމުން ދައުވާ އުފުލި ހައްގު ހޯދައި އަދި ޖިނާއި ގޮތުން ދައުވާ އުފުލޭނެ ހަމަތައް ބިލުގައި ބަޔާން ކޮށްދީފައި ވާނެ ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ ހައްގާއި މި ދެހައްގު ލާމެހި ގުޅިގެން މިއުފެދޭ ހައްގު ނުވަތަ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަކީ ގައުމުގެ މެދުން ބާރު ދުވެލީގައި އަންނަ ފެން އާރެއް ފަދަ ހައްގެއް. ބިލިގާއެއްގެ ތެރެގައި ހިފަހައްޓާން އުޅެގެނެއް މިއެއް ނުހިފެއްޓޭނޭ. ބިލިގާ މަތިން މީތި ބަންޑުން ވެގެން ދާނެ. ނުވަތަ ބިލިގާ ފުނޑުފުނޑު ކޮށްލާފައި ފެންއާރު ކޯދު ދެމިގެންދާނެ،" ނަޝީދު ވިދާޅުވި އެވެ.
މިބިލާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި ގިނަ މެންބަރުން ވަނީ ބިލަށް ތާއީދުކޮށްފަ އެވެ. މެންބަރުން ވިދާޅުވަނީ ބިލަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް ބިލު ގާނޫނަކަށް ހަދަން ޖެހޭ ކަމަށާއި މިދަނޑިވަޅަކީ އެކަމަށް އެންމެ މުނާސަބު ވަގުތު ކަމަށެވެ.
ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމު ވިދާޅުވީ ބިލު ހުށައަޅާފައި ވަނީ ވަރަށް މުނާސަބު ދަނޑިވަޅެއްގައި ކަމަށާއި ބިލުގައި ވަރަށް މުހިންމު ކަންތައްތަކެއް ފާހަގަކޮށް ގާނޫނު އަސާސީ އިން ދީފައިވާ މިނިވަން ކަމަށާއި ބިލުގައި ހުރިކަންތަކާ މެދު ވިސްނަން ޖެހޭކަމަށެވެ. މައުސޫމު ވިދާޅުވީ ބިލުގައި ބުނާ ގޮތަށް ސުލްހަ ވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމާ އެކު އެއްވާ ފަރާތްތަކުގެ ޒިންމާ އާ ގުޅޭ ގޮތުން އެއްވެ އުޅުމުގެ ބިލުގައި މުހިންމު ކަންތަކެއް ހިމެނޭ ކަމަށެވެ.
ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވީ ރާއްޖެ ޑިމޮކްރަސީ އަށް ފައްކާވެގެން ދާއިރު ސިޔާސީ ހަރަކާތްތަކައި އެހެނިހެން ހަރަކާތްތަކުގައި އެއްވެ އުޅުމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި ބިލް ފަރުމާކޮށްފައިވާ ގޮތަށް ބަލާއިރު ކަންކުރަންވީ ގޮތުގެ މުހިންމު ގޮތްތަކެއް ހޯދައިދިނުމަށް ވަރަށް މުހިން މު ބިލެއް ކަމަށެވެ. އަދި ޖާބިރު ވިދާޅުވީ ރާއްޖޭގައި ރައީސުލްޖުމުހުރިއްޔާ އަށް ހުންނަވާ ބޭފުޅާއާއި އަދި ރައީސްކަން ކުރައްވާފައި ހުންނަވާ އެއްވެސް ބޭފުޅަކަށް މުޒަހަރާތަކުގައި ބައިވެރިނުވެވޭ ގޮތަށް ބިލަށް އިސްލާހު ހުށައަޅަން ޖެހޭ ކަމަށެވެ.
"ރާއްޖޭގެ ރައީސުލްޖުމުހުރިއްޔާއަކަށް ހުންނަ މީހަކު އޭނާ މަގާމުގައި ހުންނަވައިގެން އެއްވެ އުޅެ މުޒާހަރާ ކޮށްގެން ނުވާނެ. އަދި ރައީސުލްޖުމުހުރިއްޔާކަންކޮށްފައި ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދީފައި ރައީސްކަން ކުރެއްވި ބޭފޫޅެއްގެ އިނާޔަތާއި ރައްކާތެރިކަމާއި ހިމާޔަތްލިބި ހުރެ މިފަދަ އެއްވުންތަކުގައި އެއްވެ އެކަހަލަ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެގެން ނުވާނެ ކަމަށް މިބިލުގައި ބަޔާންވެފައި އޮންނަންވާނެ،" ޖާބިރު ވިދާޅުވި އެވެ.
މިއަދުގެ މަޖިލިހުގެ ޖަލްސާގައި ވާހަކަ ދެއްކެވި ގިނަ މެންބަރުން ވިދާޅުވީ އެއްވެ އުޅުމުގެ ބިލަކީ މުހިންމު ބިލެއް ކަމަށާއި ބިލަށް އިސްލާހުތައް ގެނެސްގެން ފުރިހަމަކޮށްގެން ގާނޫނަކަށް ހެދުން މުހިންމު ކަމަށެވެ.