އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެ ގައުމުގެ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށް ބަޑި ޖަހައި ޒަޚަމްކޮށްލި ހަމަލާ ދިނީ، ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ރެޖިސްޓާކޮށްފައިވާ މީހެއް ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)އިން ބުނި ގޮތުގައި އެ ހަމަލާ ދިނީ 20 އަހަރުގެ ތޯމަސް މެތިއު ކްރޫކްސް ކިޔާ މީހެކެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ)އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކްރޫކްސް ރެޖިސްޓާކޮށްފައިވަނީ ރިޕަބްލިކަން ޕާޓީއަށެވެ. ނަމަވެސް އޭނާ 2021 ވަނަ އަހަރު އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ކެމްޕެއިނަށް ފައިސާ ދީފައިވާ ކަމަށް ވެސް ރެކޯޑުތަކުން ދައްކާ ކަމަށް އެ ނޫހުގައިވެއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ކްރޫކްސް އެ ހަމަލާދީފައި ވަނީ ޓްރަމްޕްގެ ސްޓޭޖާ ގާތްގަނޑަކަށް 119 މީޓަރުން ދުރުންނެވެ. އަދި ހަމަލާދީފައި ވަނީ އެ ސަރަހައްދުގައި ހުރި ކާރުޚާނާއެއްގެ ފުރާޅު މަތީ އޮވެ ކަމަށްވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ކްރޫކްސް ޓްރަމްޕަށް ހަމަލާދިން ސަބަބެއް ސާފެއްނޫނެވެ.

އެމެރިކާގެ ސީކްރެޓް ސާވިސް އިން ވަނީ ކްރޫކަށް ހަމަލާދީ މަރައިލައިފައެވެ.

އެ ހަމަލާގައި ވަޒަން އަމާޒުވީ ޓްރަމްޕްގެ ކަނާތު ކަންފަތަށެވެ. އެ މަނިކުފާނުގެ ތަރުޖަމާނު ވަނީ ޓްރަމްޕްގެ ހާލު ރަނގަޅު ކަމަށާއި ފަރުވާ ދެމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ސަލާމަތީ ޚިދުމަތްތަކުން އަންނަނީ އެއީ ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާއެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އެ ހަމަލާ ކުށްވެރި ކުރައްވައި، ޓްރަމްޕްއާ ބައްދަލުކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.