ދޫނި ކޮއްޓެއްގައި ދެ މީހަކު ރަހީނުކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެއީ އާޓިފިޝަލް ބީޗުގައި ހުރި ދޫނި ކޮއްޓެކެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ބޮޑު ދޫނި ކޮށްޓެއްގައި ރަހީނުކޮށްފައި ވަނީ ދެ ފިރިހެނުންނެވެ. ނަމަވެސް އެއީ ދިވެހިން ކަމެއް ބިދޭސީން ކަމެއް ސާފެއް ނުވެއެވެ.

އެ ދެމީހުން ވެސް ތިބީ މަތިން އެއްވެސް އެއްޗެއް ނުލައި ރަހީނުކޮށްފައެވެ.

ބެލެވޭ ގޮތުގައި އެ ދެމީހުން އެ ކޮށީގައި ރަހީނުކޮށްފައި ވަނީ ފައިސާގެ މައްސަލައެއްގައެވެ. އެގޮތުން އެ މީހުން ކޮށިން ދޫކޮށްލުމުން ރުފިޔާ ހޯދާފައި ދޭނެ ކަމަށް އޭގެ ތެރެއިން އެކަކު ބުނާ މަންޒަރު ވީޑިއޯއިން ފެނެއެވެ.