އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެގައުމުގެ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށް ބަޑި ޖަހައި ޒަޚަމްކޮށްލައިފިއެވެ.

ޓްރަމްޕް، ޕެންސިލްވޭނިއާގައި ބޭއްވެވި ރެލީގައި މީހަކު ބަޑި ޖެހީ ޕޯޑިއަމް ކައިރީގައި ހުއްޓި ވަޑައިގެން ވާހަކަ ދައްކަވަން ފެއްޓެވިތާ މާގިނައިރެއް ނުވަނީހެވެ. ބަޑީގެ އަޑުފައްގަނޑާއެކު ސީކްރެޓް ސާވިސްއިން ޓްރަމްޕް ވަށައިލައި، ސްޓޭޖުން ދުރަށް ގެންދިޔަ ވަގުތު ޓްރަމްޕްގެ ކަންފަތް ކައިރިން ލޭ ފައިބާ މަންޒަރު ފޮޓޯތަކާއި ވީޑިއޯތަކުން ފެނެއެވެ.

'ޓްރޫތު ސޯޝަލް'ގައި ޓްރަމްޕް ވަނީ އެ ހަމަލާގައި ވަޒަން އަމާޒުވީ ކަނާތު ކަންފަތަށް ކަމަށް ވިދާޅުވެފައެވެ. އަދި އެ މަނިކުފާނުގެ ތަރުޖަމާނު ވަނީ ޓްރަމްޕްގެ ހާލު ރަނގަޅު ކަމަށާއި ފަރުވާ ދެމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޓް ޓްރަމްޕްގެ ކެމްޕެއިން ރެލީއެއްގައި ބަޑި ޖެހުމުން، ޓްރަމްޕް ޒަޚަމްވެފައި -- ފޮޓޯ/ އޭޕީ

އެމެރިކާގެ ސީކްރެޓް ސާވިސްއިން ބުނި ގޮތުގައި އެ ހަމަލާ ދިނީ ކެމްޕެއިން ކުރިއަށްދިޔަ ސަރަހައްދުން ބޭރުގައި ހުރެ، އިމާރާތެއް ފަދަ އުސް ތަނެއްގެ މަތީގައި ހުރި މީހެކެވެ. އެ ޚިދުމަތުގެ އޭޖެންޓުން އޭނާއަށް ހަމަލާދީ މަރައިލައިފައިވާ ކަމަށް ވެސް ސީކްރެޓް ސާވިސްއިން ބުނެފައިވެއެވެ.

މީގެ އިތުރުން އެ ހަމަލާގައި އިތުރު މީހަކު މަރުވެ، ދެ މީހަކަސް އަނިޔާވި ކަމަށް އެ ޚިދުމަތުން ބުންޏެވެ.

އެމެރިކާގެ ސަލާމަތީ ޚިދުމަތްތަކުން އަންނަނީ އެއީ ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާއެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އެ ހަމަލާ ކުށްވެރި ކުރައްވައި، ޓްރަމްޕްއާ ބައްދަލުކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އަންނަ ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބަށް ބައިޑެން ވެސް ކެމްޕެއިން ކުރައްވަމުން އަންނައިރު އެ މަނިކުފާނުގެ ސިއްހީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން ސުވާލުތަކެއް ވަނީ އުފެދިފައެވެ.

އެ އިންތިޚާބާ ގުޅޭ އެންމެ ފަހުގެ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ޓްރަމްޕް އެވެ.