14 Jul 2024, 07:56
ކާޓޫން ނެޓްވޯކަކީ ދުނިޔޭގެ އެތައް މިލިއަން މީހުންތަކެއް ކުޑައިރު އެންމެ ގިނައިން ބަލަމުން ދިޔަ އެއް ޗެނަލެވެ. މިހާރުގެ ކުޑަކުދިންގެ އެތައް ހަނދާންތަކަކާ ވެސް ގުޅިފައިވާ ކާޓޫން ނެޓްވޯކް މިހާރު ނެތި ދިޔުމުގެ ބިރު މިއޮތީ އުފެދިފައެވެ.
މިދިޔަ ހަފުތާއިން ފެށިގެން އެތައް ނޫސްތަކުންނާއި ސޯޝަލް މީޑިއާގެ ޕޯސްޓްތަކުން އިވެނީ ކާޓޫން ނެޓްވޯކް ހުއްޓާލަން އުޅޭ ކަމަށެވެ. "ރިޕް ކާޓޫން ނެޓްވޯކް" ޓްރެންޑްވަމުން އަންނައިރު އެކި އެނިމޭޝަންގެ ޖަމިއްޔާތަކުން ވެސް މި ކަމާ އަންނަނީ ސުވާލު އުފައްދަމުންނެވެ.
މި ނެޓްވޯކް އެއްކޮށް ހުއްޓާލައި އުވާލަން އުޅޭ ކަމަށް ވާހަކަ ދެކެވެމުން ދާއިރު އެއާ އެކު ބޮޑު އާކައިވްއެއް އެއްކޮށް ގެއްލިގެން ދާނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ.
މި ވާހަކަތައް އެންމެ ފުރަތަމަ އުފެދިގެން އައީ "އެނިމޭޝަން ވޯކާސް އިގްނައިޓް" ނަމަކަށް ކިޔާ އެނިމޭޝަން އާ ގުޅޭ ޖަމިއްޔާއަކުން ކާޓޫން ނެޓްވޯކް ހުއްޓާލަން އުޅޭ ކަމަށް ބުނެ ވާހަކަތައް ދައްކަން ފެށުމުންނެވެ. އެ ގޮތުން، ކާޓޫން ނެޓްވޯކް އުވާލަން އުޅޭތީ އެކަން ހުއްޓުވުމަށް ގޮވާލައި ޕެޓިޝަނެއް ވެސް ފެށިއެވެ.
މި ޕެޓިޝަނާ އެކު ވާހަކަ އެތައް ބައެއްގެ ސަމާލު ކަމަށް އައެވެ. މުޅި އިންޓަނެޓުގައި މި ވާހަކަ ދެކެވެން ފަށާފައިވަނީ މި ސަބަބާ ހުރެއެވެ.
އެންމެ ފަހުން ކާޓޫން ނެޓްވޯކުން މި ކަމަށް ޖަވާބު ދޭ ހިސާބަށް ވެސް މައްސަލަ ދިޔައެވެ. ދާދި ފަހުން ކާޓޫން ނެޓްވޯކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ނެޓްވޯކް އުވާލަން ދެކެވޭ ވާހަކަތަކަކީ އޭގައި އެއްވެސް ހަގީގަތެއް ހުރި ވާހަކައެއް ނޫން ކަމަށެވެ.
އެ ނެޓްވޯކުން މިހާރު ވެސް ވަނީ އާ އުފެއްދުންތަކަކަށް ފެހި ސިގްނަލް ދީފައި ކަމަށާއި ވަރަށް އަވަހަށް އާ ކޮންޓެންޓުތައް ވެސް ފެނިގެންދާނެ ކަމަށް ކާޓޫން ނެޓްވޯކުން ބުނެއެވެ.