ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކަށް ހޮވިވަޑައިގެންފައިވާތީ ޕާޓީން ކުރަންޖެހޭ ކަންތައްތައް ކުރުމުގެ އިހްތިޔާރު އެމްޑީޕީގެ ގައުމީ ހިންގާ ކޮމެޓީގެ ގަރާރަކުން ނަޝީދަށް އަރުވައިފި އެވެ.

ރައީސް ނަޝީދު ރިޔާސަތު ބެލެހެއްޓެވި ގައުމީ ހިންގާ ކޮމެޓީގެ އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 28 މެންބަރުންގެ އިއްތިފާގުން ފާސްވި ގަރާރަކީ މަނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ތޯރިގު ހުށަހަޅުއްވައި ގަރާރެކެވެ. އެ ގަރާރު ހުށަހެޅުއްވުމާއެކު ތާއިދު ކުރެއްވީ ދިއްދޫ ދާއިރާގެ މެމްބަރ އަޙުމަދު ސަމީރެވެ.

އެމްޑީޕީގެ އިންތިހާބުގައި 31،000 ވުރެ ގިނަ މެންބަރުންގެ ވޯޓް ލިބިވަޑައިގެން ނަޝީދަށް ބާރުތަކެއް ދެއްވެވި ގަރާރުގައި ބުނެފައި ވަނީ ރިޔާސީ އިންތިޚާބްގެ ކެމްޕޭންކުރެއްވުމުގައި އެވަގުތެއްގައި ކުރައްވަންޖެހިވަޑައިގަންނަވާ އެންމެހާ ކަންތައްތައްކުރެއްވުމަށް ކޮމިޓީތައް ހެއްދެވޭނެ ކަމަށެވެ. އަދި އެފަދަ މަސައްކަތްޕުޅުތަކުގެ މައުލޫމާތު ޤައުމީ ހިންގާ ކޮމިޓީއަށާއި ޤައުމީ މަޖްލީހަށް އެރުވުމަށް ވެސް ގައުމީ ހިންގާ ކޮމެޓީގެ 112 ވަނަ ބައްދަލުވުމަށް ފާސް ކުރި ގަރާރުގައި ބުނެފައިވެ އެވެ.

“މި ޕާޓީގެ ނައިބްރައީސް ޤައުމީ މަޖުލީހުގެ 112 ވަނަ ބައްދަލުވުމުގައި އެމަޤާމުން ވަކިކުރުމާއިގުޅިގެން މި ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް މިވަގުތު ނެތުމުން ފިޔަވަޅު އަޅާ ކޮމިޓީ ކުރިއަށް ނުގެންދެވިފައިވާތީ، ޕާޓީގެ ނައިބްރައީސެއް އިންތިޚާބްކުރެވެންދެން ފިޔަވަޅު އަޅާ ކޮމިޓީގައި މިހާރުތިބި މެމްބަރުންގެ ތެރެއިން އެ މެންބަރުން ކަނޑައަޅާ ފަރާތަކުން ރިޔާސަތު ބަލަހައްޓާގޮތައް މިޕާޓީގެ ޤައުމީ ހިންގާ ކޮމިޓީން ނިންމަމެވެ،" ތޯރިގު ހުށަހެޅުއްވި ގަރާރުގައިވެ އެވެ.

މިއަދުގެ ޖަލްސާގައި އިތުރަށް މަޝްވަރާކުރެވުނު ކަންތަކަކީ ޕާޓީގެ މެމްބާޝިޕްގެ ކަންތައް ހަރުދަނާކުރުމަށް ކުރެވޭނެ ކަންތަކާއި، ޕާޓީގެ ހަރަކާތްތައް އަޠޮޅޮތަކުގައި ފުޅާކުރުމާއި ޕާޓީގެ އޮފީހެއް ކޮލޮމްބޯ އަދި ޓްރިވެންޑްރަމްގައި ބެހެއްޓުމާއި ބެހޭގޮތުންނެވެ. އެމް.ޑީ.ޕީގެ ޤައުމީ ހިންގާ ކޮމިޓީ އެކުލެވިގެންވަނީ ޕާޓީގެ ލީޑަރޝިޕްގެ އިތުރުން ޕާޓީގެ ކެބިނެޓް މެމްބަރުންނާއި، ޕާޓީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެމްބަރުންނާއި އަމީން ޢާއްމު އަދި އަމީންޢާއްމުގެ ނައިބުގެ މައްޗަށެވެ.