13 Jul 2024, 23:53
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން އިތުރު ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، މިރޭ މާލޭގައި ޓޭކްއަވޭ އަދި ކެފޭ ހިންގަމުންދާ ހަތަރު ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މިގޮތުން މި ބަލާފާސްކުރުމުގެ ތެރެއިން ނުގަވައިދުން އުޅޭ ބިދޭސީ ހަ ފިރިހެނަކާއި އަންހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށާއި، އޭގެތެރެއިން ބިދޭސީން ހިންގަމުންދިއަ ކެފޭއެއް ބަންދުކުރި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ އިމިގްރޭޝަންގެ ވެހިކަލަށް ގެއްލުން ދިނުމުގެ ސަބަބުން ވެސް ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަަމަށެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީންނަށް ވެސް ގާނޫނުގެ ދަށުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ނުގަވައިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ދަނީ ޚާއްސަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ. އެ މަސައްކަތް ކުރަމުން އަންނައިރު 1800 އަށްވުރެ ގިނަ ބިދޭސީންވަނީ ގައުމަށް ފޮނުވައިލައިފައިވެއެވެ.