14 Jul 2024, 11:53
ސައުދީ ޕްރޯ ލީގުގެ އަލް އިއްތިހާދުގެ އާ ކޯޗަކަށް ފަރަންސޭސިވިލާތުގެ ކުރީގެ ކޯޗު ލޯރަން ބްލަންކް ހަމަޖައްސައިފިއެވެ.
އަލް އިއްތިހާދުގެ ކޯޗަކަށް ބްލަންކް ހަމަޖައްސާފައި މިވަނީ އެ ކްލަބްގެ ކޯޗު ކަމުގެ މަގާމުގައި ހުރި އުމުރުން 58 އަހަރުގެ މާސެލޯ ޖެރާޑޯ 2023-2024 ވަނަ އަހަރުގެ ސީޒަނަށްފަހު މަގާމުން ވަކިވެފައިވުމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަގާމުން ވަކިވީ އޭޝިއަން ޗެމްޕިއަންސް ލީގަށް އަލް އިއްތިހާދު ކޮލިފައިނުކޮށްދެވުމުންނެވެ. ބްލަންކް އެންމެ ފަހުން ކޯޗު ކޮށްދީފައިވަނީ ފްރެންޗް ލީގު އާންގެ އޮލިމްޕިކް ލިއޯނަށެވެ.
ނަމަވެސް އޭނާގެ ކޯޗު ކަމުގެ ދަށުން ލިއޯނަށް މާ ރަނގަޅު ނަތީޖާ ތަނެއް ހޯދެމުން ނުދިއުމުގެ ސަބަބުން 2023ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ ކްލަބާއި އޭނާގެ މެދުގައި އެއްބަސްވުމަކަށް އާދެވި މަގާމުން ވަކިވެފައެވެ.
ބްލަންކް މަގާމުން ވަކިވިއިރު ލިއޯން އޮތީ ލީގު އާންގެ އެންމެ ފުލުގައެވެ. އަލް އިއްތިހާދަކީ ފަރަންސޭސިވިލާތުގެ ފާހަގަކޮށްލެވޭ ދެ ކުޅުންތެރިން ކަމަށްވާ ކަރިމް ބެންޒީމާ އާއި އެންގޯލޯ ކާންޓޭ ކުޅެމުންދާ ޓީމެވެ.
ލިއޯންގެ އިތުރުން ބްލަންކްވަނީ ބޯޑޯ، ފަރަންސޭސި ޤައުމީ ޓީމު، ޕެރިސް ސެއިންޓް ޖާމެއިން އަދި ޤަތަރުގެ އަލް ރަޔާންއަށް ކޯޗު ކޮށްދީފައެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން ބޯޑޯ ވަނީ 2008-2009 ވަނަ އަހަރުގެ ސީޒަންގެ ލީގު އާންގެ ޗެމްޕިއަންކަން ހޯދައިފައެވެ.
އެއީ 10 އަހަރަށް ފަހު ބޯޑޯގެ ލީގު ޗެމްޕިއަންކަން ހާސިލް ކުރެވުނު ފުރަތަމަ ފަހަރެވެ. މީގެ އިތުރުން ޕީއެސްޖީގައި އޭނާ ހޭދަކުރި ތިން ސީޒަންގައި އަނެއްކާ ވެސް ވަނީ ލީގު ޗެމްޕިއަންކަން ހޯދައިދީފައެވެ.
އަދި ފަރަންސޭސި ޤައުމީ ޓީމުވަނީ 2012 ވަނަ އަހަރުގެ ޔޫރޯގެ ކްއާޓާ ފައިނަލަށް ގެންގޮސްދީފައެވެ. ކޯޗުކަމުގެ އިތުރުން ބްލަންކް އަކީ ކުޅުންތެރިއެއްގެ ގޮތުން ވެސް ކާމިޔާބު އަހަރުތަކެއް ހޭދަކޮށްފައިވާ ކުޅުންތެރިއެކެވެ. މިގޮތުން ލީގު އާންގެ މޮންޕެލިއޭ، ސްޕެނިޝް ލަލީގާގެ އެފްސީ ބާސެލޯނާ، އިންގްލިޝް ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑް އަދި އިޓާލިއަން ސެރީއާގެ އިންޓާ މިލާން ހިމެނެއެވެ.
އަލް އިއްތިހާދު ވަނީ ސައުދީ ޕްރޯ ލީގު ނުވަ ފަހަރު ކާމިޔާބު ކޮށްފައެވެ. އެންމެފަހުން ކާމިޔާބު ކޮށްފައިވަނީ 2022-2023 ވަނަ އަހަރުގެ ސީޒަންގައެވެ. މިދިޔަ ސީޒަން އަލް އިއްތިހާދު ނިންމާލީ ލީގުގެ ފަސް ވަނައިގައި އޮވެގެންނެވެ.